ކުއަލަލަމްޕޫރު (6 ޖެނުއަރީ ) - މެލޭޝިއާގައި ކޮވިޑް ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވެ، ހޮސްޕިޓަލްތަކުގެ 85 ޕަސެންޓް އެނދުތައް ފުރިއްޖެ އެވެ.

މެލޭޝިއާގައި ބުދަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އަށް 2،593 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މިއީ އަދި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

މެލޭޝިއާގައި ކޮވިޑްގެ ކޭސްތައް ގިނަވާން ފަށާފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވުނު ސަބާހް އިލެކްޝަނަށް ފަހު އެވެ. ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާއެކު މެލޭޝިއާ ސަރުކާރުން ވަނީ އެ ގައުމުގެ ބައެއް ސަރަހައްދުތައް އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ލޮކްޑައުންކޮށްފަ އެވެ. ނަމަވެސް މެލޭޝިއާގެ އެތެރޭގެ އުދުހުންތަކަށް ޑިސެމްބަރު ހަތަކުން ފެށިގެން ވަނީ ހުއްދަ ދީފަ އެވެ.

މެލޭޝިއާގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 24،347 ގަ އެވެ. ކޮވިޑް ރޯގާ ޖެހިގެން މެލޭޝިއާގައި 513 މީހުން މަރުވެފައިވާއިރު ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 125،438 އަށް އަރާފަ އެވެ.

ކޮވިޑް ރޯގާ އަށް ވެކްސިން ޖެހުމަށް މެލޭޝިއާއިން ތައްޔާރުވަމުންދާއިރު އެ ގައުމުގެ 32 މިލިއަން މީހުންގެ އާބާދީގެ 80 ޕަސެންޓް މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ވެކްސިންގެ ފުރަތަމަ ބެޗް ފެބްރުއަރީ މަސް ތެރޭގައި ލިބޭނެ އެވެ. އަދި އެންމެ ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ތޭރޭގައި ބޮޑު ވަޒީރު މުހިއްޔުއްދީން ޔަސިން ހިމެނޭ ކަމަށް މައުލޫމަތު ލިބެ އެވެ. –- ސްޓްރެއިޓް ޓައިމްސް