ޝިއުޖާންގުއާ (8 ޖެނުއަރީ) - ޗައިނާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޝިއުޖާންގުއާ ސިޓީގައި 100 އަށްވުރެ ގިނަ ކޮވިޑް ކޭސް ފެނުމާއެކު އެ ސިޓީ އެއްކޮށް ލޮކްޑައުން ކޮށްފި އެވެ.

ޗައިނާއިން ވަނީ ކޮވިޑް ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން އެ ގައުމުން ވަނީ އާބާދީ ގިނަ އެންމެ އަވަހަށް ކޮވިޑް ކޭސްތައް މަދުކުރި ގައުމުތަކުގެ ލިސްޓުން އެންމެ ކުރި ހޯދާފަ އެވެ. މިހާރު ކޮވިޑް ކޭސްތައް ފެންނަން ފެށުމާއެކު މި ސިޓީގެ އެކި ތަންތާގައި 5،000 ޓެސްޓް ކުރެވޭނެ ސައިޓް ހަދައި ސިޓީގެ ހުރިހާ އެންމެން ޓެސްޓްކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ހާމަކުރާ ގޮތުގައި މީގެ ފަސް މަސް ކުރިން ފެނުނު އަދަދަށް ވުރެ ގިނައިން ކޮވިޑް ކޭސްތައް މިހާރު ފެނެ އެވެ.

އަލަށް އިއުލާން ކުރެވުނު ލޮކްޑައުންގެ ފިޔަވަޅުތަކުގެ ތެރޭގައި މި ސިޓީގެ ހުރިހާ ރައްޔަތުން ސިޓީއިން ބޭރަށް ދިއުން މަނާކުރުމާއި ސްކޫލްތައް ބަންދު ކުރުމާއި، ބަސް ދަތުރުތައް އަދި ގިނަ ފްލައިޓްތައް ވެސް ކެންސަލްކުރުން ހިމެނެ އެވެ. އަދި ޕޯސްޓަލް ސާވިސް ވެސް ތިން ދުވަސް ވަންދެން ކެންސަލް ކުރާނެ އެވެ.

ކޮވިޑް ވައިރަސް އަށް ޕޮޒިޓިވްވެ ހާލު ދެރަވާ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ފަސް ހޮސްޕިޓަލް ވަނީ ހަމަޖައްސާފަ އެވެ.

އިނގިރޭސި ވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އައު ވައްތަރު ފެނުނުކަމަށް ޗައިނާއިން ވަނީ ރިޕޯޓްކޮށްފަ އެވެ. މިކަމާ ގުޅިގެން ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅަމުން ގެންދާނެ ކަމަށް ޗައިނާގެ ސިއްހީ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ޗައިނާގައި ލޮކްޑައުން މިކުރެވުނީ ޗައިނީސް އާއަހަރާއި ދިމާކޮށް ގިނަ ބަޔަކު އާއިލާތައް ކައިރިއަށް ޗުއްޓީއަށް ދާން ފަށަން ތައްޔާރުވާ ދުވަސްކޮޅެއްގަ އެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުބެއި ޕްރޮވިންސުން ވަނީ 120 ކޮވިޑް ކޭސް ރިޕޯޓްކޮށްފަ އެވެ. - ބީބީސި