ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރު ހާންގެ އަތުން ވަގަށް ނަގަން ބޭނުންވާ އެއްޗެއް ޝާހިދު ކަޕޫރު ހާމަކޮށްފި އެވެ. ޝާހިދު ކަޕޫރު އަވަދިނެތި އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު ބްލަޑީ ޑެޑީ ޕްރޮމޯޓް ކުރުމުގަ އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެކްޓަރު ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރު ހާނާއި ދީޕިކާ ޕަދުކޯންގެ އަތުން ވަގަށް ނަގަން ބޭނުންވާ އެއް ކަމެއް ހިއްސާކޮށްފަ އެވެ. އަދި ކައިރި މުސްތަގުބަލެއްގައި އޭނާ މަސައްކަތް ކުރަން ބޭނުންވާ ސައުތު ތަރިންގެ ނަންތައް ވެސް އޭނާ ވަނީ ހިއްސާކޮށްފަ އެވެ.
މުނިފޫހިފިލުވުމުގެ ޕޯޓަލަކަށް ދިން އިންޓަވިއުއެއްގައި ޝާހިދު ކަޕޫރު ވަނީ ރެޕިޑް ފަޔާ ރައުންޑެއް ކުޅެފަ އެވެ. އޭނާ އެދުނީ މަޝްހޫރު ފަރާތްތަކުގެ އަތުން ވަގަށް ނަގަން ބޭނުންވާނެ އެއް ކަމެއް ލިސްޓް ކުރުމަށެވެ.
އެގޮތުން ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރު ޚާންއާ ބެހޭ ގޮތުން ސުވާލު ކުރުމުން ޝާހިދު ބުނީ ކަރީނާ އަތުން އެއްޗެއް ވަގަށް ނަމާ އެ އެއްޗަކީ އޭނަގެ ސުޕަސްޓާ ކޮލިޓީ އެވެ.
"ފުރަތަމަ ފިލްމުން ފެށިގެން ވެސް ކަރީނާގެ އެންމެ ހާއްސަ ސިފައެއްގެ ގޮތުގައި އަހަންނަށް ފާހަގަކުރެވެނީ އޭނަގެ ކިބައިގައި ހުންނަ ސްޓާ ކޮލިޓީ. އަހަރެން ބޭނުން އެ އަތުލައިގަންނަން" ޝާހިދު ބުންޏެވެ.
ކަރީނާ އާއި ޝާހިދަކީ އެކީގައި ކާމިޔާބު ފިލްމުތަކެއް ވެސް ކުޅުނު ދެ ތަރިންނެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ 2007 ގެ "ޖަބް ވީ މެޓް" އެވެ. އެ ދެ މީހުން އެންމެ ފަހުން ފެނިފައި ވަނީ 2016 ގެ "އުޅުތާ ޕަންޖާބު" އިންނެވެ.
ދީޕިކާ ޕަދުކޯންއާ ބެހޭ ގޮތުން ސުވާލު ކުރުމުން އެކްޓަރު ބުނީ އޭނާގެ ލޯ ވަގަށް ނަގަން ބޭނުންވާ ކަމަށެވެ.
"އޭނަގެ ދެ ލޯ ބޮޑުވެފައި، ވަރަށް އެކްސްޕްރެސިވް. ފިލްމީ ތަރިއަކަށް އެއީ އަސްލު ވަރަށް މުހިއްމު ސިފައެއް. ޝާހިދު ބުންޏެވެ.
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2018 ގެ "ޕަދުމާވަތު" ގައި ދީޕިކާއާއެކު ޝާހިދު ވަނީ މަސައްކަތް ކޮށްފަ އެވެ.
ޝާހީދު ބުނި ގޮތުގައި އިންޑިއާގެ ދެކުނުގެ ބަތަލާއިންގެ ތެރެއިން އެކީގައި އެންމެ މަސައްކަތްކޮށްލަން ބޭނުންވާ ބަތަލާއިންނަކީ "ބާހްބަލީ" ގެ ބަތަލާ އަނުޝްކާ ޝެޓީ އާއި "ޕުޝްޕާ" ގެ ބަތަލާ ރަޝްމިކާ މަންދަނާގެ އިތުރުން ސަމަންތާ ރޫތު ޕްރަބޫ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝާހިދު ސޮއިކޮށް، އަންނަ އޮގަސްޓްގައި ޝޫޓިން ފަށާ ޑައިރެކްޓަރު އަނީސް ބަޒްމީގެ އެކްޝަން ކޮމެޑީގެ ބަތަލާ އަކީ ރަޝްމިކާ އެވެ.