ޖަކާޓާ (9 ޖެނުއަރީ) - އިންޑޮނޭޝިއާގެ ސިރިވިޖާޔާ އެއާގެ ފްލައިޓެއް މިއަދު ވެރިރަށް ޖަކާޓާއިން ނައްޓާލިތަނާ ކުޑައިރެއްގެ ފަހުން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ސިރިވިޖާޔާ އެއާ އިން ނެރުނު ބަޔާނުގައި ހާމަކޮށްފައިވަނީ އެކުންފުނީގެ އެސްޖޭ- 182 ބޮއިންގެ 737-500 ގެ މަތިންދާ ބޯޓް ދަތުރުކުރުމަށް ހަމަޖެހިފައި އޮތީ އިންޑޮނޭޝިއާގެ ޕޮޓިއަނަކް އިން ވެސްޓް ކަލިމަންޓަން އަށް ކަމަށެވެ. އެއާޓްރެފިކް ކޮންޓްރޯލް ޓަވަރާ އެންމެ ފަހުން މި ބޯޓުގެ ގުޅިފައިވަނީ ޖަކާޓާ ގަޑިން 2:40 ގައި ކަމަށާއި އޭގެ ފަހުން މި ބޯޓު ރާޑަރުން އެއްކޮށް ގެއްލިފައިވާ ކަމަށެވެ. އެ ކުންފުނިން އިތުރަށް ބުނީ މި ބޯޓަށް ވީގޮތަކާއިމެދު އިތުރު މައުލޫމާތު ހޯދުމަށް އެކި ފަރާތްތަކާ ވާހަކަ ދެކެވަމުން ދާކަމަށާއި އިތުރު މައުލޫމާތު ލިބުމުން ހާމަކުރަމުން ގެންދާނެ ކަމަށެވެ. މި ބޯޓުން 50 ފަސިންޖަރުންނާއި 12 ކްރޫން ދަތުރުކުރި އެވެ. ފަސިންޖަރުންގެ ތެރޭގައި ކުޑަކުދިންނާއި ވަރަށް ތުއްތު ކުދިން ވެސް ހިމެނެ އެވެ.

އިންޑޮނޭޝިޔާ ފްލައިޓް ދަތުރުކުރި ޗާޓް

އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީ ބަސާނަސް އިން ބުނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް މިހާރު ފައްޓާފައިވާ ކަމަށެވެ. އަދި މިހާރު ބަލަމުން ދަނީ އެންމެ ފަހުން މި ބޯޓް އޮތްކަމަށް ރާޑަރުން ދައްކާ ލޮކޭޝަން ކަމަށްވާ ލަކީ އަދި ލަންސެންގް ރަށްތަކުގެ ކަނޑުގެ ސަރަހައްދެވެ.

އެ އެޖެންސީއިން ވަނީ ފްލައިޓްތަކަށް އެމަޖެންސީ އެއް ދިމާވާ ހާލަތްތަކުގައި ފްލައިޓްތަކުގައި ހަރުކުރެވިފައި ހުންނަ އެމަޖެންސީ ލޮކޭޓާ ޓްރާންސްމިޓާ (އީއެލްޓީ) އިން ފޮނުވި ޑިސްޓްރެސް ސިގްނަލް ލިބިފައިނުވާ ކަމަށް ބުނެފަ އެވެ.

އިންޑޮނޭޝިއާގެ މީޑިއާތަކުން ވަނީ ފްލައިޓްގެ ބައިތައް ކަމަށް ބެލެވޭ އެއްޗެއްސާއި އަދި އަންނައުނު ހިމެނޭ ތަކެތި ކަނޑުމަތިން މަސްވެރިންގެ ބަޔަކަށް ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ފްލައިޓްގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް އެގައުމުގެ ސާޗް އެންޑް ރެސްކިއު އެޖެންސީ އޮފިޝަލެއް ދައްކާލަނީ

ފްލައިޓް ޓްރެކް ކުރާ ވެބްސައިޓެއް ކަމަށްވާ ފްލައިޓްރާޑާ24 އިން ފެންނަ ގޮތުން މި ފްލައިޓްވަނީ ނައްޓާލިތާ 4 މިނެޓްފަހުން މިނެޓެއްގެ ތެރޭގައި 3،000 މީޓަރު ތިރިއަށް އައިސްފަ އެވެ. ފްލައިޓް ރާޑަރުން ގެއްލިފައިވަނީ އޭގެ ފަހުންނެވެ.

ސްރިވިޖާޔާ އެއާ އުފެދުނީ 2003 ވަނަ އަހަރުގަ އެވެ.

ކޮވިޑް ހާލަތާއި ގުޅިގެން ދަތުރުތަށް މެދުކަނަޑާލަން ޖެހުމާއި ގުޅިގެން މި ކުންފުނީގެ ދެބައިކުޅަ އެއްބައި ފްލައިޓްތައް ވަނީ ގްރައުންޑް ކޮށްފަ އެވެ. އަލުން ދަތުރުތަށް ފެށުމަށް އެ ކުންފުނިން ދަނީ މަޑުމަޑުން ފްލައިޓްތަކުގެ ދަތުރު އިތުރުކުރަމުންނެވެ. މި ކުންފުނީގެ ފްލައިޓްތައް ޗައިނާ، މެލޭޝިޔާ، ޓިމޯރް ލޭސްޓް އަދި އިންޑޮނޭޝިޔާގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރެ އެވެ. – ސްޓްރައިޓް ޓައިމްސް