ތެހެރާން (9 ޖެނުއަރީ) - އީރާންގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުން އުފައްދާ ކޮވިޑް ވެކްސިނަކީ އިތުބާރު ކުރެވޭ އެއްޗެއް ނޫންކަމަށް ވިދާޅުވެ ކުރެއްވި ޓުވީޓް، ޓުވިޓާއިން ޑިލީޓްކޮށްފި އެވެ.

ޚާމަނާއީ ވިދާޅުވީ އެމެރިކާ އަދި އިނގިރޭސިވިލާތުން އުފައްދައިގެން އުޅޭ ވެކްސިންއަކީ އިތުބާރުކުރެވޭ އެއްޗެއް ނޫން ކަމަށާއި، ބެލެވޭ ގޮތުގައި އުޅެނީ އެހެން ގައުމުތަކަށް ބަލިފަތުރަން ކަމަށެވެ. އަދި އީރާނުން ބޭނުން ކުރާނީ އެހެން ގައުމުތަކުން އުފައްދާ ވެކްސިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި ހާމަނާއީ އެ ވިދާޅުވި އެހެން ގައުމުތަކަކީ އީރާނާއި ގާތްގުޅުމެއް ބާއްވާ ޗައިނާ އަދި ރަޝިއާ އެވެ. އަދި މި ވެކްސިން އީރާނަށް އިމްޕޯޓްކުރުމަކީ މަނާކަމެއް ކަމަށް ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ.

ޓުވިޓާއިން ފަހުން ހާމަނާއީގެ ޓުވީޓް ޑިލީޓްކުރުމަށްފަހު ބުނެފައި ވަނީ އެ ޓުވީޓް ޑިލީޓްކުރަން ޖެހުނީ ޓުވިޓާގެ ގަވާއިދުތަކާއި ގައިޑްލައިންތަކާއި ހިލާފް ވުމުން ކަމަށެވެ. ޓުވިޓާއިން ޑިސެމްބަރު މަހު ވަނީ ކޮވިޑް ވެކްސިނާ ބެހޭގޮތުން ފަތުރާ ސާބިތު ނުހިފޭ ވާހަކަތައް ހުއްޓުވުމަށް ޓުވިޓާއިން ކުރިއަށްވުރެ ބޮޑަށް މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.

އީރާނުން ވަނީ ކޮވިޑް ވައިރަސް ފެތުރުން ހުއްޓުވުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާ އަދި އެމެރިކާއަށް ވާގިވެރިވާ ގައުމުތަކުން ހުރަސްއަޅާ ކަމަށް ބުނެފަ އެވެ. ބަލި މީހުންނަށް ބޭނުންވާ ބޭސްތަކާ އެހެނިހެން ޒަރޫރީ ތަކެތި ގަތުމުގައި އެމެރިކާއިން އިރާނަށް ދަތިކުރާ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. އަދި މިއީ އީރާންގެ ރައްޔަތުންނަށް އެމެރިކާއިން ދޭ ލާއިންސާނީ އަނިޔާކަމަށް ވެސް އިރާނުން ތުހުމަތުކުރެ އެވެ.

ހާމަނާއީ ވަނީ ފްރާންސުން މީގެ ކުރިން އެޗްއައިވީ އިންފެކްޓް ވެފައިހުރި ލޭ ބެހި ހާދިސާގެ ހަދާން އާކޮށް ފްރާންސަށް ވެސް އިތުބާރު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

1980ގެ އަހަރުތަކުގައި ފްރާންސުން ވަނީ އިންފެކްޓް ވެފައިހުރި ލޭ އޮޅުވާލައިގެން ބަހާފަ އެވެ. މީގެ ސަބަބުން އެކި ގައުމުތަކުގެ 6،000 އާއި 10،000 އާއި ދޭތެރޭ އަދަދެއްގެ މީހުންނަށް ބަލިޖެހުނު ކަމަށް ބެލެވެ އެވެ. އަދި 300 މީހުން މަރުވި އެވެ.

ބަލިޖެހުނު މީހުންގެ ތެރޭގައި ކެނެޑާ، އިރާން، އިރާގް، އަޔަލޭންޑް، އިޓަލީ، ޖަޕާން، ޕޯޗްގަލް، އަދި އިނގިރޭސި ވިލާތުގެ މީހުން ހިމެނެ އެވެ. -– ސްޓްރައިޓް ޓައިމްސް