އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ސަމަންތާ ރުތު ޕްރަބޫ މިހާރު އަންނަނީ ބޮލީވުޑްގައި ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަމަންތާ ވަނީ އެމަޒަން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ހިންދީ ސްޕައި ތުރިލާއެއް ކަމަށްވާ "ދަ ފެމިލީމެން 2" އިން ފެނިގެން ގޮސްފަ އެވެ.

ސަމަންތާ އާންމުންގެ ތެރެއަށް މަގުބޫލުވީ ޕުސްޕާގެ "އޯ އަންޓަވާ" ލަވައިންނެވެ. މިއާއެކު ސަމަންތާއަށް ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ.

އެގޮތުން މިހާރު ސަމަންތާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ހޮލީވުޑް ވެބް ސީރީޒް "ސިޑަޓެލް" ގެ އިންޑިއާ ވާޝަނުގައި އެވެ. މިވާޝަނުގައި ސަމަންތާ ފެނިގެންދާނީ ޕްރިޔަންކާގެ މަންމަގެ ރޯލުންނެވެ. ސަމަންތާގެ އިތުރުން މިސީރީޒްގައި ވަރުން ދަވަން ވެސް ފެނިގެންދާނެ އެވެ.

ސަމަންތާ އާއި ވަރުން ދަވަން

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސިޑަޓެލް އިންޑާ ވާޝަން ކުޅެދޭ އަގު ސަމަންތާ ވަނީ ބޮޑުކޮށްފަ އެވެ. މިސީރީޒްގައި އޭނާ ކުޅެދެނީ 10 ކްރޯޑް ރުޕީސް އަށެވެ. އެހެން ނަމަވެސް މިކަމާއި ބެހޭ ގޮތުން ސަމަންތާ ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.

"ސިޓަޑެލް" އިންޑިއާގެ ވާޝަން ވަރުން އާއި ސަމަންތާއާ އެކު ރާޖް އެންޑް ޑީކޭ ޑައިރެކްޓްކުރާ އިރު، އެ ދެ މީހުން މިހާރު އަންނަނީ ޝާހިދު ކަޕޫރާ އެކު ވެސް އެމެޒޯނަށް ސީރީޒެއް ގެނެސްދޭން ތައްޔާރުވަމުންނެވެ. އެއީ މިހާރު ގާތްގަނޑަކަށް ޝޫޓިން ނިމުމަކަށް އައިސްފައިވާ "ފޭކްސް" އެވެ.