ބޮލީވުޑްގެ ޒުވާން ޖީލުގެ ތެރެއިން ގިނަ ބައެއްގެ ލޯބި ހޯދި އެއް ތަރިއަކީ ސުޝާންތު ސިންގް ރާޖްޕުޓް އެވެ. 2020 ވަނަ އަހަރު ހިނގި އޭނާގެ ކުއްލި މަރު ވެގެން ދިޔައީ ބޮލީވުޑަށް ސިހުން ގެނުވި ކަމެކެވެ.

ސުޝާންތުގެ މަރަށް އިއްޔެ ތިން އަހަރު ފުރުނުއިރު ބޮލީވުޑްގެ ގިނަ ތަރިންނާއި އޭނާއަށް ސަޕޯޓުކުރި އެތައް ބަޔަކު ވަނީ އެމީހުންގެ ޝުއޫރުތައް ފާޅު ކޮށްފަ އެވެ.

އެގޮތުން ކެދަރްނާތުގައި ސުޝާންތުއާ އެއްކޮށް ފެނުނު ސާރާ އަލީ ޚާން ވަނީ އޭނާއާއި ސުޝާންތު އެއްކޮށް ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށް ސުބާންތުގެ މަތިން ވަރަށް ހަނދާންވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުންވެސް އިންޓަނެޓުގައި ސުޝާންތުގެ ވާހަކަ ދައްކަމުން އަންނަ މީހުން ވަނީ ބޮލީވުޑަށް ގެއްލިގެން ދިޔައީ އަރަމުން އަންނަ ތަރިއެއް ކަމަށާއި އޭނާގެ ފަޅުކަން އަދިވެސް ފެންނަ ކަމަށެވެ.

2020 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު ދިރިއުޅުނު އެޕާޓްމަންޓުން އޭނާ ފެނުނީ ސީލިންގު ފަންކާގައި ދަންޖެހިގެން މަރުވެފައި ހުއްޓަ އެވެ.

އެ މައްސަލާގައި އޭނާ އޭރު ރައްޓެހިވެގެން އުޅުނު ކަމަށް ބުނާ ރިއާ ޗަކްރަބޯތީގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވި ތަހުގީގު ކުރެވިފައިވެ އެވެ.