ޖަކާޓާ (10 ޖެނުއަރީ ) - އިންޑޮނޭޝިއާގެ ޖަކާޓާއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ފަހުން ކަނޑަށް ވެއްޓުނު އެގައުމުގެ ސްރީވިޖަޔާ އެއާގެ މަތިންދާބޯޓުގެ ކަޅު ފޮށި އޮތް ތަން ދެނެގަނެވިފައިވާ ކަމަށް ބުނެފި އެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީގެ ޗީފް ސޯޖަންޓޯ ޖަހްޖަނޯ ވިދާޅުވީ ކަނޑަށް ވެއްޓުނު ބޯޓުގެ ކަޅު ދެ ފޮށި ނެގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީ އަދި އެ ގައުމުގެ ސިފައިންނާއި ފުލުހުން އަންނަނީ ބޯޓް ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. އަދި މިހާތަނަށް ހޯދުނު މައުލޫމާތުތަކުން މި ބޯޓުގެ އެމަޖެންސީ ސިގްނަލް ކަމަށް ބެލެވޭ ދެ ސިގްނަލް ޑިޓެކްޓް ކުރެވިފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފި އެވެ.

މި ކަމުގެ ސަބަބުން ބޯޓުގެ ކަޅު ފޮށި އޮތް ސަރަހައްދު ހޯދުމަށް ފަސޭހަވެގެންދާނެ އެވެ. ބޯޓުގެ ކަޅު ފޮށި ފެނިއްޖެނަމަ ބޯޓު ވެއްޓެން މެދުވެރިވި ސަބަބުތައް އެނގޭނެ އެވެ.

އިންޑޮނޭޝިއާގެ ޓްރާންޕޯޓް ސޭފްޓީ ކޮމިޝަންގެ އޮފިޝަލަކާ ހަވާލާދީ މީޑީއާއިން ބުނަނީ ބޮޑަށް ބެލެވެނީ ބޯޓު ވެއްޓި ފެނުގައި ޖެހުނު ވަގުތު ވަނީ ދެބުރިވެފަ އެވެ. މިހާތަނަށް ހޯދުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި ބޯޓް ވައިގެ ތެރޭގައި އޮތްވައި ބޯޓު ބުރިވެފައިވާ ނަމަ ބޮޑު ސަރަހައްދަކުން ބޯޓުގެ ބައިތައް ފެންނާނެ އެވެ. ނަމަވެސް މިހާރު ބޯޓުގެ ބައިތަކާއި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ފެންނަނީ އެއް ސަރަހައްދަކުންނެވެ.

ސްރިވިޖާޔާ ކުންފުނިން ބުނީ އެ ކުންފުނީގެ އެސްޖޭ 182 ފްލައިޓް ދަތުރުކުރުމަށް ހަމަޖެހިފައި އޮތީ ވެރިރަށް ޖަކާޓާއިން ޕޮޓިއަނަކް އަށެވެ. އެންމެ ފަހުން މިބޯޓު ކޮންޓްރޯލް ޓަވަރާއި ގުޅިފައިވަނީ ޖަކާޓާ ގަޑިން 2:36 ގަ އެވެ. އޭގެ ފަހުން ބޯޓު ވަނީ ރާޑަރުން ވެސް ގެއްލިފަ އެވެ. މި ބޯޓުން 62 މީހަކު ދަތުރުކުރި އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ވަރަށް ތުއްތުކުދިން ހިމެނޭކަމަށް މައުލޫމާތު ލިބެ އެވެ. – ސްޓްރައިޓް ޓައިމްސް