ރަންބިރު ކަޕޫރަކީ މުޅި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ނަން މަޝްހޫރު ތަރިއެކެވެ.
އޭނާގެ ފިލްމުތަކަށް ލޯބިކުރާ އެތައް މިލިއަން ބަޔަކު އެބަތިއްބެވެ. ހަމަ އެފަދައިން އޭނާއަކީ ހޮލީވުޑްގެ ތަރި ނޭޓަލީ ޕޯޓްމަންގެ ވަރަށް ބޮޑު ފޭން އެކެވެ.
ރަންބީރު މިވަނީ މީގެ އަހަރުތަކެއް ކުރިން ނިއުޔޯކްގެ މަގުމަތިން އޭނާ އާއި ނޭޓަލީ ބައްދަލުވުމުން ކަންވީގޮތް ހާމަކޮށްފަ އެވެ.
"އަހަރެން ނިއުޔޯކްގެ މަގުމަތިން ދަނިކޮށް ވަރަށް ގަދަޔަށް ފާހާނާއަށް ދާން ޖެހިގެން ހޮޓެލް އާއި ދިމާއަށް ދާން އުޅުނު ތަނާ ނޭޓަލީ އެ މަގުން ހުރަސްކުރީ. އޭނާ ހުރީ ފޯނެއްގައި. އެއީ ނޭޓަލީ ކަން ޔަގީން ވުމުން ހޮޓަލަށް ނުގޮސް އޭނާ ކައިރި އަށް ގޮސް ފޮޓޯއެއް ނެގުމަށް އެދުނިން،" ރަންބީރު ކިޔާދިނެވެ.
ނަމަވެސް ރަންބީރު އަށް ލިބުނީ ހީކުރި ކަހަލަ ޖަވާބެއް ނޫނެވެ.
ފޮޓޯ ނެގުމަށް ހުރި ޝައުގެއްގެ ބޮޑުކަމުން ނޭޓަލީ ހުރީ ރޯން ކަން ރަންބީރު އަށް ރޭކާލީ ފަހުންނެވެ. ރުޅިވެރި ކަމާއެކު ރަންބީރު އާއި ދިމާއަށް ބެލުމަށް ފަހު ނޭޓަލީ ބުނީ "ގެޓް ލޮސްޓް!" ނުވަތަ "އަހަރެންގެ ކުރިމަތިން ދުރަށްދާށޭ،" މިފަދައިންނެވެ.
ރަންބީރު ބުނީ އެވަގުތު އޭނާގެ ހިތް "ފަޅައިގެން" ދިޔަ ކަމަށެވެ. ނަމަވެސް ދެން ފަހަރަކު ވެސް ނޭޓަލީ ފެނިއްޖެ ނަމަ ފޮޓޯއެއް ނަގަން ބުނާނެ ކަމަށް ރަންބީރު ބުންޏެވެ.
ރަންބީރުގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު އެންމެ އަވަހަށް މަސައްކަތް ފަށާނީ ލަވް ރަންޖަންގެ ލޯބީގެ ފިލްމުގަ އެވެ. މި ފިލްމުގައި ރަންބީރު އާއި އެކު ފެނިގެންދާނީ ޝްރައްދާ ކަޕޫރެވެ. އެއަށް ފަހު ސަންދީޕް ރެއްޑީގެ "އެނިމަލް" ގެ މަސައްކަތް ފަށާނެ އެވެ. މި ފިލްމުގައި ޕަރިނީތީ ޗޯޕްރާ، އަނިލް ކަޕޫރު އަދި ބޮބީ ޑިއޯލް ވެސް ފެނިގެންދާނެ އެވެ.