ބޮލީވުޑްގެ ބިރުކުޑަ ބަތަލާގެ ގޮތުގައި މަޝްހޫރު އެކްޓަރެސް ކަންގަނާ ރަނާވަތުގެ އަމިއްލަ ފިލްމު ކުންފުނި، މަނިކަރްނިކާ ފިލްމްސްއިން ގެނެސްދޭ ފުރަތަމަ ފިލްމު މި މަހުގެ 23 ގައި ބެލުންތެރިންނަށް ގެނެސްދިނުމަށް ވަނީ ނިންމާފަ އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމް "ޓީކޫ ވެޑްސް ޝޭރޫ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް މި ފިލްމް ގެ ޓްރެއިލާ ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ކަންގަނާ ވަނީ ބުނެފަ އެވެ.

މި ފިލްމް ގެ ލީޑުން ފެނިގެން ދާނީ ނަވާޒުއްދީން ސިއްދީގީ އާއި ބަތަލާ ރާނީ މުކަރްޖީގެ 2014 ގެ ފިލްމު "މަރުދާނީ" ގެ ރޯލެއް ކުޅުނު އަވްނީތު ކޯރް އެވެ. މި ދެތަރިންގެ އިތުރުން ކާސްޓްގައި ޒާކިރު ހުސައިނާއި ވިޕިން ޝަރުމާ ފަދަ އެކްޓަރުން ހިމެނެ އެވެ.

ކަންގަނާ އަކީ ފިލްމު ޕްރިޑިއުސްކުރުމުގެ އިތުރުން ޑައިރެކްޓަރެއް ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެވެ. އޭނާގެ ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަކީ ތާރީހީ އެކްޝަން ފިލްމު "މަނިކަރްނިކާ: ދަ ކުއީން އޮފް ޖާންސީ" އެވެ.

ކަންގަނާ ބުނި ގޮތުގައި އޭނާ ޕްރޮޑިއުސަރަކަށްވީ ހަމަ އިއްތިފާގުން ކަމަށެވެ

"އަހަރެން ޕްރޮޑިއުސަކަށް ވީ ފައިސާ ހޯދަން ނޫން. އަޅުގަނޑަކީ އެކްސިޑެންޓްކޮށް ޕްރޮޑިއުސަރެއް، އަހަރެން ހަދަން ބޭނުންވާ ވައްތަރުގެ ފިލްމުތައް ހަދަމުންދާކަން ޔަގީން ކުރުމަށް. އަހަރެންގެ ތަޖުރިބާތައް އަހަރެންގެ ސެޓްތަކުގައި ވެސް ހިމަނަމެވެ،" ކަންގަނާ ބުންޏެވެ.

އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި އޭނާގެ ސެޓްތަކުގައި އުސޫލެއް ހަދާފައި ވަނީ އެންމެންނާ މެދު ހަމަހަމަ ގޮތެއްގައި ކަންތައް ކުރެވޭތޯ ބެލުމަށް ކަމަށް ވެސް ކަންގަނާ ބުނެފައިވެ އެވެ. ކަންގަނާ އިތުރަށް ބުނީ ސެޓަށް އަންނަ ކޮންމެ އެކްޓަރަކު ކިތަންމެ ބޮޑު ރޯލެއް ކުޑަ ނަމަވެސް އެމީހުންނާ މެދު އިހުތިރާމާއެކު ކަންތައް ކުރެވޭކަން ކަށަވަރުކޮށްދީ، ލައިންތަކުގައި މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ރަނގަޅު ސްކްރިޕްޓެއް ފޯރުކޮށްދީފައިވާ ކަމަށެވެ.