ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ޓެކްސީ ޑްރައިވަރަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓްގައި މަރުވެފައި ވަނީ އުމުރުން 65 އަހަރުގެ ދިވެހި ފިރިހެން ޓެކްސީ ޑްރައިވަރެއް ކަމަށެވެ. އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 1 ހިތިގަސް މަގު ޕްލެޓިނަމް ކައިރީ ދެ ކާރު ޖެހި އެތަނުން އެެއްކާރު ކޮންޓްރޯލްނުވެ ގޮސް ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު ހަވީރު 5:47 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާވި އިތުރު ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އެއީ އެކްސިޑެންޓްވި އަނެއް ކާރުގައި ތިބި ދެ މީހުންނެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.