ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ހަތިޔާރާއި އާލާތް ހޯދުމަށް މި ވޭތުވެދިޔަ ހަތަރު އަހަރާ ބައިގެ ތެރޭގައި ސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދައަކީ، މީގެ ކުރިން ދުވަހަކު ވެސް ނުކުރާވަރުގެ ބޮޑު ހޭދައެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިފަދައިން ވިދާޅުވީ ސިފައިންގެ 131 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ ގައުމީ ދިފާއީ ބާރަށް ބޭނުންވާ އުމުރާނީ ތަރައްގީ ގެނައުމަށާއި، އެކިބާވަތުގެ ގާބިލްކަން އިތުރު ކުރުމަށާއި، ބޭނުންވާ ހަތިޔާރާއި އެހެނިހެން އާލާތް ހޯދުމުގައި، ރަހުމަތްތެރި ގައުމުތަކުން ގިނަ އެހީތަކެއްވަނީ ލިބިފައިވާ ކަމަށެވެ.

"ސްޕެޝަލް ޕްރޮޓެކްޝަން ނުވަތަ ބޮޑީގާޑް ހިދުމަތަށް ބެލިކަމުގައިވިޔަސް، ތަމްރީނުގެ އިތުރުން، މި ހިދުމަތް ފުރިހަމަކުރުމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ހޯދާދެވުނު. މިލިޓަރީ އިންޓެލިޖެންސްގެ ދާއިރާ ހަރުދަނާ ކުރުމަށްވެސް ގިނަ ފިޔަވަޅުތަކެއް މިދަނީ އަޅަމުން،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި އެއްގަމާއި ކަނޑުގައި، އަސްކަރީ އަދި މަދަނީ ދިފާއުގެ ބޭނުންތަކަށް ގައުމީ ދިފާއީ ބާރު ޙަރަކާތްތެރިވާންޖެހޭ ހާލަތުތަކާއި މިންވަރު ވެސް އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން، ސަލާމަތީ މަސްރަޙްގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ޙައްލު ހޯދުމަށް ރައީސް ސޯލިހުގެ ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިގޮތުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ސިފައިންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން، މުހިންމު އެކި ފަންނުތަކުން ގައުމީ ދިފާއީ ބާރުގެ އެކި ލެވެލްގެ މީހުންނަށް ތައުލީމާއި ތަމްރީންދީ، ސިފައިންގެ މީހާގެ ވިސްނުން ފުޅާކޮށް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތް. ރައީސް ޞާލިޙް ސަރުކާރާ ޙަވާލުވެވަޑައިގެންނެވި ފަހުން، އެކި ރޭންކުތަކުން 990 އަށް ވުރެ ގިނަ ސިފައިން ރާއްޖެއިން ބޭރުން ތަމްރީނު ކުރެވިއްޖެ. ކުރިން ހަމައެކަނި ރާއްޖޭގައި ތަމްރީން ކުރަމުން އައި ފަޔަރފައިޓަރުން ރާއްޖެއިން ބޭރަށް ފޮނުވައިގެން މިހާރު މިދަނީ ތަމްރީން ކުރަމުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ތަޖުރިބާކުރަމުން މިދަނީ ހިކުމަތްތެރި ވެރިކަމަކުން ގެނުވި ހަމަޖެހުމެއްގެ އުފާ ކަމަށާއި މިއީ ގައުމީ ސަލާމަތުގެ ހުރިހާ އުންސުރަކަށް ފުންކޮށް ވިސްނަވާ،ރައީސް ސޯލިހު ތަންފީޒު ކުރައްވަމުން ގެންދަވާ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ.