ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑު އާލިޔާ ބަޓް އާއި ރަންބީރު ކަޕޫރު އެ މީހުންގެ ދަރިފުޅު ގޮވައިގެން ފުރަތަމަ ފަހަރަށް ޗުއްޓީއަކަށް ހިނގައްޖެ އެވެ.

އާލިއާ އާއި ރަންބީރު ޗުއްޓީއަށް ދިޔުމަށް އެއާޕޯޓަށް ގޮސް ތިއްބާ ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުން ޗުއްޓީއަށް ދިޔައީ ދުބާއީއަށެވެ.

އެ މީހުން ފުރަން އެއާޕޯޓަށް ގޮސް އުޅެނިކޮށް ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކެއް ވެސް ބައެއް މީޑިއާތަކުން އާންމުކޮށްފައިވެ އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އާލިއާ އާއި ރަންބީރް ވެސް އުފަލުން ތިބެ ޕަޕަރާޒީންނަށް ޕޯސްކުރާ ތަން ފެނެ އެވެ. އެކަމަކު ދަރިފުޅު ރާހާ ކަޕޫރާ ނުލަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ކައިވެނިކުރި އާލިޔާ އާއި ރަންބީރަށް އަންހެންކުއްޖަކު ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ.

އާލިއާ އާއިލާއާއެކު ޗުއްޓީއަށް ގޮސްފައިމިވަނީ ބްރެޒިލްގެ ސައޮ ޕައުލޯގައި ބޭއްވި އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޓްރެއިލާ ނެރުމަށް ބޭއްވި އިވެންޓްގައި ބައިވެރިވުމަށްފަހު އެވެ. ގަލް ގެޑޮޓް އާއި ޖޭމީ ޑޯނަންއާ އެކު އާލިއާ ފެންނާނެ ނެޓްފްލިކްސް ފިލްމު 'ހާޓް އޮފް ސްޓޯން' ޕްރިމިއާ ކުރުމަށް ނިންމާފައިވަނީ އޮގަސްޓް 11 ވަނަ ދުވަހު އެވެ. އަދި އާލިއާގެ ބޮލީވުޑްގެ ފިލްމެއް ޖުލައި 28 ގައި ރިލީޒްކުރާނެ އެވެ. އެއީ ކަރަން ޖޯހަރުގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ

މީގެ އިތުރުން ރަންބީރު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންވެސް ނިންމާލާފަ އެވެ. އެއީ އޮގްސްޓް މަހު ރިލީޒް ކުރުމަށް ނިންމާފައިވާ "އެނިމަލް" އެވެ. މިފިލްމުގެ މަންޒަރުތައް ނެގުމަށް މިދިޔަ އަހަރުން ފެށިގެން ބޮޑު ތުނބުޅިއެއް ބަހައްޓަމުން އައި ރަންބީރު ޗުއްޓީއަށް ދިޔައިރު ހުރީ ތުނބުޅި އެއްކޮށް ބާލާފަ އެވެ.