ސަރުކާރު ހިންގާ އިސްވެރިން ކިތަންމެ ވަރަކަށް ކޯފާވި ނަމަވެސް، މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ތެރޭގައި ވެސް ސަރުކާރާ ދެކޮޅު ހަރަކާތްތަކާއި އިންގިލާބެއް ހިނގަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެކަނި ނޫން ކަމަށާއި ކެބިނެޓުގެ އެތެރޭގައި ވެސް މިފަދަ ކަންކަން ހިނގަމުންދާ ކަމަށެވެ. އެގޮތުން، ރައީސް މުހައްމަދު މުއިއްޒުއާއެކު ނުކުމެ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ސަރުކާރުގެ ވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެކަން މިހާރު ނަގާފައިވާ ވޯޓުތަކުން ވެސް ސާފުވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލިސް ތެރެއިން ހިމޭން އިންގިލާބެއް ކުރިއަށްދާ ކަމަށް އެ މަނިކުފާނު މީގެކުރިން ވިދާޅުވުމާ ގުޅިގެން، ވެރިކަންކުރާ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ފަދަ އިސް ބޭފުޅުން އެ މަނިކުފާނަށާއި އަނބިކަނބަލުންނަށް އަމާޒުކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
އެ ބޭފުޅުންގެ ވާހަކަތަކަށް ރައްދުދެއްވަމުން ޔާމީން ވިދާޅުވީ، އެ ބޭފުޅުންނަށް ރައްދުދެއްވައި އެހާ ދަށް ފެންވަރަކަށް ވެއްޓިވަޑައިގަތުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ޕީއެންސީގެ ޖަލްސާގައި ވާހަކަދެއްކެވި އެއްވެސް ބޭފުޅަކީ އެ މަނިކުފާނު އަރިހުގައި ސިޔާސީ ވާހަކަ ދެއްކެވޭނެ ފެންވަރެއް ނުވަތަ އެފަދަ އެއްވެސް ހައިސިއްޔަތެއް އޮތް ބައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެ ބޭފުޅުން އެހާ ދަށު ދަރަޖައިގެ ވާހަކަތަކެއް ދެއްކެވީ ހަގީގަތް ހާމަވުމުން އައި ރުޅިގަނޑު ބޭރުކޮށްލުމުގެ ގޮތުން ކަމަށް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން، މިފަހުން ސަރުކާރުގެ ކެބިނެޓުން ބައެއް ވަޒީރުން ވަކިކުރައްވައި އަދި ބައެއް ވަޒީރުންގެ މަގާމުތައް ބަދަލުކުރައްވައި ގެނައި ބޮޑެތި ބަދަލުތަކަކީ ވެސް، ކޮފީ މޭޒެއްގައި ދެކެވުނު ވާހަކަތަކެއް ލީކުވެގެން ސަރުކާރުގެ ތެރެއަށް އައި ލޮޅުމެއްގެ ސަބަބުން ހިނގައިދިޔަ ކަމެއް ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.
އީރާނަށް ހަމަލާދޭނަމަ ރައްދު ވަރުގަދަވާނެ ކަމުގެ އިންޒާރު
"ހެރީ ޕޮޓާ ރީބޫޓް"ގެ ފުރަތަމަ ޓްރެއިލާއިން ތަފާތު ކަންތައްތަކެއް!
މެންބަރުން ތިބީ ބަނދެލާފައި އޮތް ދަރު ބޮނޑިއެއްހެން: އަބްދުރަހީމް
މަޖިލިސް ތެރޭގައި ސިއްރު އިންގިލާބެއް އެބަ ހިނގާ: ޔާމީން