މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ސްލޮޓުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިސްލާއިލް ޒަބީހް މަގާމުން ވަކިކުރުމުން އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޒަބީހް މަގާމުން ވަކިކުރުމުން އެމްއާރުއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އޭނާއަކީ ތައުލީމީ އަދި ގާބިލު ބޭފުޅެއް ކަމަށާއި ކުއްލިއަކަށް މަގާމުން ވަކިކޮށްފައިވާ ގޮތާއިމެދު ޕާޓީން ކަންބޮޑުވާ ކަމަށެވެ.

"ޒަބީހް މަގާމުން ވަކިކުރަންޖެހޭ ވަރުގެ އަމަލެއް ކުރައްވާފައި ނުވާނެކަން މިޕާޓީއިން ރައްޔިތުންނަށް ކަށަވަރުކޮށްދެމެވެ،" އެމްއާރުއެމުން ބުނެފައިވެ އެވެ.

ޒަބީހަކީ ހަވާލުކުރި މަގާމުގެ މަސްއޫލިއްޔަތު ފަރުވާތެރިކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެކެވެ. އެގޮތުން ފާއިތުވި ހަތަރު އަހަރާއި ހަތަރު މަސް ތެރޭގައި ޒަބީހް މަގާމުގައި ހުންނަވައިގެން ފާހަގަކުރެވޭ ހިދުމަތްތަކެއް ކުރައްވާފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

ޒަބީހް މަގާމުން ވަކިކުރުމުގައި ޕާޓީއާ މަޝްވަރާ ނުކުރާ ކަމަށާއި ސަބަބުވެސް ބަޔާން ނުކުރާ ކަމަށް އެމްއާރުއެމް އިން ވަނީ ބުނެފަ އެވެ.

ޒަބީހް މަގާމުން ވަކިކުރިކަން ރައީސް އޮފީހުން އެންގީ މިމަހުގެ 22 ވަނަ ދުވަހު އެވެ.