ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގ. ކެނެރީގެއަށް މިއަދު ބަދަލުވެވަޑައިގެންފި އެވެ.

މިހާތަނަށް އެމަނިކުފާނު ދިރިއުޅުއްވީ ދައުލަތުގެ ގެއެއް ކަމަށްވާ މ. މުރައިދޫގޭގަ އެވެ.

ނަޝީދު އެގެއަށް ބަދަލުވެވަޑައިގަތީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭގަނޑު ކެނެރީގެއިން ނިކުމެވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ވަޑައިގެންނެވި ވަގުތުގައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.

އެ ހަމަލާއަށްފަހު މަޖިލީހުން ވަނީ މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ދައުލަތުން ގެކޮޅެއް ހަމަޖައްސައި ދޭން ގާނޫނަކުން ލާޒިމްކޮށްފަ އެވެ.

ދައުލަތުން ބޮޑު ޚަރަދެއް ކޮށްގެން ނަޝީދު އެގޭގައި އުޅުއްވާތީ ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވި އެވެ.

މުރައިދޫގެއިން ނުކުމެވަޑައިގަންނަވަން ނަޝީދު ނިންމެވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް 54 މެމްބަރުން ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުމުންނެވެ.