ކުއަލަލަމްޕޫރު (11 ޖެނުއަރީ) - މެލޭޝިއާގެ ބައެއް ސްޓޭޓްތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ގިނަވަމުން ދާތީ އެ ސްޓޭޓްތައް ދެ ހަފްތާއަށް ލޮކްޑައުން ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން ޓިވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ، ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމަޔަށް ބޯލަނބައި، ކޮވިޑްގެ ވަބާއިން ސަލާމަތްވުމަށް އެހީތެރިވުމަށް އެދިވަޑައިގެންނެވި އެވެ. އަދި ކޮވިޑް ކޭސްތައް ގިނަވަމުން ދިއުމުން އެ ގައުމުގެ ހޮސްޕިޓަލް ފުރި ސިއްހީ ނިޒާމް ވަނީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ.

މިހަފުތާގެ ލޮކްޑައުންގައި މެލޭޝިއާގެ ޕިނާންގް، ސެލެންގޯ، މެލަކާ، ޖޯހޮރު އަދި ސަބާހްސްޓޭޓްގެ އިތުރުން ފެޑެރަލް ޓެރިޓަރީސް ކަމަށްވާ ކުއަލަލަމްޕޫރު، ޕުޓްރަޖާޔާ، ލަބުއަންގައި ޖެނުއަރީ 26 އާ ހަމަޔަށް މޫވްމަންޓް ކޮންޓްރޯލް ކުރެވޭނެ އެވެ. މިގޮތުން ސްޓޭޓްތަކުގެ މެދުގައި ދަތުރުކުރުމާއި، ޑިސްޓްރިޓްތަކަށް ދަތުރު ކުރުން ވެސް ބުދަ ދުވަހުން ފެށިގެން މަނާވާނެ އެވެ.

މެލޭޝިއާގައި ކޮވިޑް ލޮކްޑައުންގެ ހާލަތާއެކު ވެސް އެ ގައުމުގައި އެސްޕީއެމް ޓެސްޓް އަދި އެހެނިހެން ޓެސްޓްތަކުގައި އިށީންނަ ކުދިންނަށް ވަރުގަދަ ފިޔަވަޅުތަކާއެކު ޓެސްޓަށް ދިއުމަށް ހުއްދަ ދެވޭނެ އެވެ. މީގެ އިތުރުން ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ކޮންސްޓްރަކްޝަން، އަސާސީ ހިދުމަތް ދޭ މީހުންނަށް ވެސް ހާއްސަ ހުއްދައިގެ ދަށުން ބޭރުގައި އުޅުމުގެ ހުއްދަ ދެވޭނެ އެވެ.

ހޯމަ ދުވަހު އެގައުމުން ވަނީ 2،232 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެއާއެކު ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދުވަނީ 28،554 އަށް އަރާފަ އެވެ.

ކޮވިޑް ޖެހިގެން އެ ގައުމުގައި ވަނީ 550 މީހުން މަރުވެފަ އެވެ. އަދި ޖުމްލަ 135،000 މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ.