"ދިލްބަރް" ލަވައިން ބޮލީވިޑްގައި ފައިތިލަ ސާބިތުކުރި ކުޅަދާނަ ނެށުންތެރިޔާ ނޯރާ ފަތެހީ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ.

ނެށުމުގެ ހުނަރާ އެއްވަރަށް ނޯރާ ހެދުން އަޅާ ގޮތަށް ވެސް ޒުވާން އަންހެން ކުދިންގެ ބޮޑު ސަމާލުކަމެއް އަންނަނީ ލިބެމުންނެވެ. އެގޮތުން އެންމެ އާދައިގެ ޓީޝާޓުން ފެނިގެން ގޮސް، އެއާޕޯޓު ލުކް އަދި ހަފްލާތަކަށް ހެދުން އަޅާ ގޮތް ވެސް ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދަ އެވެ.

ދާދި ފަހުން މުމްބާއީ އެއާޕޯޓުން ނޯރާ ފެނުނުއިރު ލައިގެން ހުރި ހެދުމަށް ވެސް މިވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. އެތެރެއިން ހުދުކުލައިގެ ޓީޝާޓެއް ލާފައިވާ އިރު، ތިރިން ހުރީ ބްލަޝް ޕިންކް ކުލައަކަށްވާ ފަޓުލޫނެއް ލައިގެން ބެގީ ކޮށްފަ އެވެ. އެއަށްފަހު ހަމަ އެ ބްލަޝް ޕިންކް ކުލައިގެ ޓްރެންޗް ކޯޓެއް މަތިން ލާފައި ހުއްޓެވެ.

މިއާއި އެކުވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ނޯރާ އަތުގައި އޮތް ދަބަހަށެވެ.

ސެއިން ލޯރެންޓް ބްރޭންޑްގެ މި ދަބަހުގެ އަގަކީ 1.8 ލައްކަ އިންޑިއާ ރުޕީސް އެވެ. އެއީ 2،450 ޑޮލަރެވެ.

އެއާއެކު ނޯރާ އަރައިގެން ހުރި ބޫޓަކީ ވެސް ހަމަ އެހާ އަގުބޮޑު ބޫޓެކެވެ. ކްރިސްޓިއަން ލޫބުޓީން ބްރޭންޑްގެ އެ ބޫޓޫގެ އަގަކީ 695 ޑޮލަރެވެ.