މާލެއިން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކުރިއިރު، ރައްޔިތުންގެ މަޖިލީހުގައި މާލެ ތަމްސީލުކުރައްވާ އަށް މެމްބަރަކަށާއި އެހެން ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން ދެ ބޭފުޅަކަށް ގޯތި ލިބިވަޑައިގަންނަވާކަން ހާމަވެއްޖެ އެވެ.

މިއަދު އާންމުކުރި ލިސްޓްގައި ވެރިކަން ކުރާ އެމްޑީޕީގެ ފަސް މެމްބަރަކާއި ސަރުކާރާ ދެކޮޅަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ 'ދަ ޑިމޮކްރެޓްސް'އަށް ނިސްބަތްވެވަޑައިގަންނަވާ ހަތަރު މެމްބަރަކާއި އެމްއެންޕީގެ މެމްބަރަކު ހިމެނެ އެވެ.

މާލޭގެ ދާއިރާތައް ތަމްސީލު ކުރައްވާ މެމްބަރުންގެ ތެރެއިން ގޯތި ލިބިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ފޯމަށް 69.16 މާކްސް ލިބިފައިވެ އެވެ.

ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއެކު ޖުމްލަ ހަތް މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެންނެވެ. އެ ފޯމަށް 100.26 މާކްސް ލިބިފައިވެ އެވެ.

ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) އާއެކު ޖުމްލަ ހަ މީހަކު ހިމެނޭ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެންނެވެ. އެ ފޯމަށް 91.07 މާކްސް ލިބިފައިވެ އެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމާއެކު ޖުމްލަ ތިން މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެންނެވެ. އެ ފޯމަށް ވެސް 79.69 މާކްސް ލިބިފައިވެ އެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ އެކު ޖުމްލަ ހަ މީހަކު ހިމެނޭ ގޮތަށް ލީ އެ ފޯމުގައި ބައިވެރިވި ދެ މީހަކު ޝަރުތު ހަމަ ނުވެ އެވެ. ބާކީ ތިބި ހަތަރު މީހުން ޝަރުތު ހަމަވެފައިވާއިރު، ޖުމްލަ ލިބުނީ 76.18 މާކްސް އެވެ.

އެމްޑީޕީއަށް ނިސްބަތްވާ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއެކު ޖުމްލަ ދެ މީހަކު ހިމެނޭ ގޮތަށް ލީ އެ ފޯމުގައި ބައިވެރިވި އެކަކު ޝަރުތު ހަމައެއް ނުވެ އެވެ. ބާކީ އިން މީހާ ޝަރުތު ހަމަވާއިރު، އޭނާއަށް އެހެން މީހަކާ ބައިވެރިވެގެން ގޯތި ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާ އެކު ޖުމްލަ ތިން މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެންނެވެ. އެ ފޯމަށް ޖުމްލަ 72 މާކްސް ލިބިފައިވެ އެވެ.

އެމްއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއެކު ޖުމްލަ ފަސް މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެންނެވެ. އެ ފޯމަށް ޖުމްލަ 82.72 މާކްސް ލިބިފައިވެ އެވެ.

މާލެ ފިޔަވައި އެހެން ދާއިރާތައް ތަމްސީލުކުރާ މެމްބަރުންގެ ތެރެއިން ގޯތި ލިބިވަޑައިގަތީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. އެ ދެކަނބަލުންނާއި އެ ބޭފުޅުންގެ ދަރިކަނބަލަކު ހިމެނޭ ގޮތަށް ޖުމްލަ ތިން މީހަކު ހިމެނޭ އެ ފޯމު ލީ އެންމެންގެ ޝަރުތު ހަމަވެގެންނެވެ. އެ ފޯމަށް ޖުމްލަ 71.59 މާކްސް ލިބިފައިވެ އެވެ.

މީގެ އިތުރުން ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުގެ އަނބިކަބަލުންނަށް ވެސް ގޯތި ލިބިވަޑައިގެންފައިވެ އެވެ. އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް ގޯތި ލިބިވަޑައިގެންފައިވެ އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ ވަކި ބަޔަކަށް ގޯތި ދިނުމަށްޓަކައި ލިސްޓެއް ހަދާފައިނުވާނެ ކަމަށެވެ. ގޯތި ދޭ މީހުން ކަނޑައަޅާފައި ވަނީ އެކަމާ ގުޅޭ ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިންސާފުވެރިކޮށް ކަމަށް ސަރުކާރުން ބުނެ އެވެ.

ސަރުކާރުން މިހާރު އާންމުކޮށްފައި ވަނީ ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓެވެ. ދާއިމީ ލިސްޓް އާންމު ކުރާނީ ވަގުތީ ލިސްޓަށް ލިބޭ ޝަކުވާތަކަށް ބެލުމަށްފަހު އެވެ.