މިހާރު ސިފައިން ތިބީ ސިޔާސީ ނުފޫޒުން އެއްކިބާވެ ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވުމުން އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަހްމަދު ފަޔާޒް (ޕާޕާ) އެކަމަނާއާ ގިނަ ސުވާލުތަކެއް ކުރައްވައިފި އެވެ.

ފަޔާޒަށް ވަނީ ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅި ކަމަށް ބުނެ ދެ އަހަރާއި ތިން މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފަ އެވެ. ނަމަވެސް 2019 ވަނަ އަހަރު ޖުލައި މަހު އެ ހުކުމް ވަނީ ހައި ކޯޓުން ބާތިލުކޮށްފަ އެވެ.

ފަޔާޒް މިއަދު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ވިދާޅުވީ އެއްޗެއް ބުނަންޖެހޭތީ ކޮންމެވެސް އެއްޗެއް ބުނަނީހެން ބައެއް ފަހަރު ހީވާ ކަމަށެވެ.

ފަޔާޒް މިނިސްޓަރު މާރިޔާއަށް އަމާޒު ކުރެއްވި ފުރަތަމަ ސުވާލަކީ ޕްރޮމޯޝަން ހޯދަން ސިޔާސީ މީހުން ކައިރިއަށް ސިފައިން ދާންޖެހެނީ ސިޔާސީ ނުފޫޒެއް ނެތީމަތޯ އެވެ.

ހައްގު ހޯދަން ސިފައިން ރައީސް އޮފީހަށް ސިޓީ ލަނީ ވެސް ސިޔާސީ ނުފޫޒު ނެތީމަތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

ނުހައްގުން ވަޒީފާ އިން ވަކިކުރި ސިފައިންނަށް ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމް ކުރުމުން އެ ހުކުމް ތަންފީޒު ކުރުމަށް ސިޔާސީ މީހުންގެ ކައިރިއަށްދާންޖެހޭ ކަމަށް ވެސް ފަޔާޒު ތުހުމަތު ކުރެއްވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މައްސަލައެއް ނޫންކަން ޕްރޮމޯޓް ކުރުމުން ސިފައިންނަށް ޕްރޮމޯޝަން ލިބޭ ކަމަށް ވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އަދި ތަމްރީނުތަކަށް ސިފައިން ވަކި ގައުމަކަށް ނުފޮނުވަން ނިންމާފައިވާ ކަމަށް ވެސް ފަޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން ސިޔާސީ ބޭނުމަށް ސިފައިންގެ ގާނޫނު އިސްލާހު ކުރަން މިނިސްޓަރު މާރިޔާ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

އެ ސުވާލުތަކާ ގުޅިގެން މިނިސްޓަރު މާރިޔާގެ ފަރާތުން ރައްދުގައި އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.