ޖަކާޓާ (12 ޖެނުއަރީ) - އިންޑޮނޭޝިއާގެ ޖަކާޓާއިން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ފަހުން ކަނޑަށް ވެއްޓުނު އެ ގައުމުގެ ސްރީވިޖަޔާ އެއާގެ މަތިންދާބޯޓުގެ ދެ ކަޅު ފޮށި ތެރެއިން އެއް ފޮށި ކަނޑުގެ އަޑިން ނަގައިފި އެވެ.

ޓީވީ އިން ދުރަށް ދެއްކި އިންޓަވިއުއެއްގައި އިންޑޮނޭޝިޔާގެ ޓްރާންސްޕޯޓް މިނިސްޓަރު ބުޑި ކަރްޔާ ސުމަދީ ވަނީ ބޯޓުގެ ދެ ކަޅު ފޮށި ތެރެއިން އެކަތި ފެނުނުކަން ޔަގީން ކޮށްދެއްވާފަ އެވެ.

މަތިންދާބޯޓުގެ ކަޅު ފޮށްޓަކީ ބޯޓުގެ ދަތުރުގެ ހުރިހާ މައުލޫމާތު ރިކޯޑްކޮށް ރައްކާކުރާ އެއްޗެވެ. ރިކޯޑްކުރާ މައުލޫމާތުތަކުގެ ތެރޭގައި ބޯޓުގެ ސްޕީޑް، ދަތުރުކުރަމުން ދިޔަ އުސްމިން، ދަތުރު ކުރި ގޮތް، އަދި މީގެ އިތުރުން ފްލައިޓްގެ ޕައިލަޓުންނާއި ކްރޫއިން ދައްކާ ހުރިހާ ވާހަކަތައް ވެސް ރިކޯޑް ކުރެ އެވެ.

މި ހާދިސާ ތަހުގީގުކުރާ ފަރާތްތަކުން އުންމީދު ކުރާގޮތުގައި ބޯޓް އެއް މިނިޓް ތެރޭ 10،000 ފޫޓް ތިރއަށް ވެއްޓެއް ދިމާވި ސަަަބަބެއް އެނގިގެންދާނެ އެވެ. ކަޅު ފޮށިން ލިބޭ މައުލޫމާތުގެ އަލީގައި 90 ޕަސެންޓް ހާދިސާތަށް ދިމާވާ ސަަބަބު ދެނެގަނެވިފައިވެ އެވެ.

އިންޑޮނޭޝިއާގެ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ކޮމިޓީގެ ޗެއާމަން ވިދާޅުވިގޮތުގައި މިހާތަނަށް ލިބުނު މައުލުމާތުގެ އަލީގައި އަދި ޑައިވަރުން ދިން މައުލޫމާތުން އެނގޭ ގޮތުގައި ބޯޓް ހަލާކުވެފައި ވަނީ ކަނޑަށް ވެއްޓުނު ފަހުންނެވެ. ވައިގެ ތެރޭގައި ހަލާކުވިނަމަ ވަރަށް ބޮޑު ސަރަހައްދަކަށް ބޯޓުގެ ބައިތަށް ގޮސްފައި ހުންނާނެ އޭނާ ވިދާޅުވި އެވެ.

އިންޑޮނޭޝިޔާގެ ނޭވީ ޗީފް ޔުޑޯ މަރްގޮނޯ ވިދާޅުވިގޮތުގައި ދެން އޮތް ފޮށި ވެސް ވަރަށް އަވަހަށް ފެންނާނެކަމުގެ ބޮޑު ޔަގީން ކަމެއް އެބައޮތެވެ. މިކަމަށްޓަކައި 160 ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ޗީފް ވަނީ ވިދާޅުވެފަ އެވެ.

އެ ބޯޓުގެ ބައިތަކާއި އިންސާނުންގެ ހަށިތަކުގެ ބައިތަށް ވަނީ ކަނޑުގެ 23 މީޓަރު އަޑިން ފެނިފަ އެވެ. މިހާތަނަށް އިންސާނުންގެ ހަށިގަނޑުގެ ބައިތަށް ހިމެނޭ 74 ބޮޑީ ބޭގް ވަނީ ކަނޑުގެ އަޑިން ނަގާފަ އެވެ. އަދި މި މީހުންނަކީ ކޮންބައެއްކަން ދެނެގަތުމަށް އާއިލާ މީހުންގެ ފަރާތުން ޑީއެންއޭ ސާމްޕަލްތައް ވެސް ނަގަމުންދާ ކަމަށް އެ ގައުމުގެ ފުލުހުންގެ ސްޕޯކްސް ޕާސަން ވަނީ ވިދާޅުވެފަ އެވެ.

ސްރިވިޖާޔާ ކުންފުނިން ބުނީ އެ ކުންފުނީގެ އެސްޖޭ 182 ފްލައިޓް ދަތުރުކުރުމަށް ހަމަޖެހިފައި އޮތީ ވެރިރަށް ޖަކާޓާއިން ޕޮޓިއަނަކް އަށެވެ. އެންމެ ފަހުން މިބޯޓު ކޮންޓްރޯލް ޓަވަރާއި ގުޅިފައިވަނީ ޖަކާޓާ ގަޑިން 2:36 ގަ އެވެ. އޭގެ ފަހުން ބޯޓު ވަނީ ރާޑަރުން ވެސް ގެއްލިފަ އެވެ. މި ބޯޓުން 62 މީހަކު ދަތުރުކުރި އެވެ. - އަލްޖަޒީރާ