މާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އަނިޔާވި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒަށް ބޭނުންވާ ހާއްސަ ފަރުވާ ދިނުމަށް މާދަމާ ރާއްޖެއިން ބޭރަށް ފުރަން ހަމަޖެހިއްޖެ އެވެ.

ހަފީޒުގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވެން ނެތެވެ. އެހެންވެ އާއިލާއިން ވަނީ އެއާ އެންބިއުލެންސެއްގައި އޭނާ އިންޑިއާއަށް ގެންދިއުމަށް އެހީ ހޯދަން ފަށައިފަ އެވެ.

އޭނާގެ އާއިލާއިން ބުނީ އެއާ އެމްބިއުލާންސްގައި އިންޑިއާއަށް ގެންދަން ބޭނުންވާ ވަރަށް ދީލަތި އެކި ފަރާތްތަކުގެ އެހީގައި ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

މި ކަމުގައި ހަފީޒުގެ އާއިލާގެ މެމްބަރުންނާއި އެކުވެރިންނާއި އެމްއެންޔޫގެ މުވައްޒަފުންގެ އިތުރުން ދަރިވަރުންނާއި އާންމުން އަދި ސަރުކާރުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ހަފީޒުގެ އާއިލާ އިން ބުންޏެވެ.

އެ އެކްސިޑެންޓް ހިނގީ، ހަފީޒް ފަތިސްނަމާދުން ފައިބައިގެން މަޖީދީމަގުން ހިނގާފައި ދަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އެވެ.

މި މައްސަލާގައި ސައިކަލު ދުއްވި މީހާ މިއަދު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހާ ހައްޔަރުކުރީ އެ އެކްސިޑެންޓަށްފަހު ސައިކަލު ދުއްވި މީހާއާމެދު އެއްވެސް ފިޔަވަޅެއް ނާޅައިގެން ގިނަ ބަޔަކު ފުލުހުންނަށް ފާޑުކިޔަމުންދަނިކޮށެވެ.

ހަފީޒަށް މިހާރު ފަރުވާދެނުން ދަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ.