ދިވެހި ފުލުހުންނާ ދެކޮޅަށް ހުށަހަޅާފައިވާ އަނިޔާ ކުރުމުގެ މައްސަލަތައް ތަހުގީގު ކުރަމުން ނުދާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ "ބިއުރޯ އޮފް ޑިމޮކްރެސީ ހިއުމަން ރައިޓްސް އެންޑް ލޭބާ" އިން ނެރުނު އަހަރީ ރިޕޯޓުގައެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަޔާކޮށް ނެރެފައިވާ 2022 ވަނަ އަހަރުގެ ކަންޓްރީ ރިޕޯޓްގައި އިންސާނީ ހައްގުތަކުގެ މިންގަނޑުތައް ޜާއްޖޭގެ އެކި ދާއިރާތަކުގައި ހުރި ގޮތުގް ހާލަތު ބަޔާންކޮށްފައިވެ އެވެ. އެގޮތުން ޖަލުތަކާއި، ފުލުހުންނާއި ގުޅިގެން ހުށައެޅިފައިވާ އެކިއެކި މައްސަލަތަކާއި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށްވެސް އަލި އަލުވާލާފައިވެ އެވެ.

މި ރިޕޯޓުގައިވާގޮތުން އެޗްއާރްސީއެމްއަށް ހުށައެޅިފައިވާ ޓޯޗާ މައްސަލަތަކުގެ ތެރެއިން 45 މައްސަލައަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކެވެ. އޭގެ ތެރެއިން 10 މައްސަލައެއް އެއީ ޖަލު ބަލެހެއްޓުމުގެ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުގެ މައްޗަށް ހުށައެޅިފައިވާ މައްސަލަތައް ކަމަށް ފާހަގަކޮށްފައިވެ އެވެ. ރިޕޯޓުގައި ވާގޮތުން، ރާއްޖޭގެ ފުލުހުންގެ މައްޗަށް ހުށައެޅިފައިވާ ޓޯޗާގެ ނުވަތަ އަނިޔާ ކުރުމުގެ މައްސަލަތައް ފުލުހުންގެ މުއައްސަސާއިން ބަލާފައިނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ރާއްޖޭގެ ގިނަ ޖަލުތަކަކީ ދަތިތައް ހުރި އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވެސް އޮތް ފުރި ބާރުވެފައިވާ ތަންތަނުގެ ގޮތުގައި ރިޕޯޓުގައި ވަނީ ސިފަކޮށްފަ އެވެ.

އަދި މުޒާހަރާތައް ރޫޅާލުމުގައި ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަރސްޕްރޭ ބޭނުން ކުރަމުން ދާކަމަށާއި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީން ލިބިދީފައިވީ ނަމަވެސް އެ ހައްގުތައް ހަނިކުރެވިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.