ފޭސްބުކާއި އިންސްޓާގްރާމާއި ވަޓްސްއަޕްގެ ބެލެނިވެރި ކުންފުނި، މެޓާ އިން ތްރެޑްސްގެ ނަމުގައި މުޅިން އަލަށް ނެރެން އުޅޭ މައިކްރޯ ބްލޮގް އެޕް މާދަމާ ނެރެން ނިންމައިފި އެވެ.
ދުވާލަކު ބެލޭނެ ޓުވީޓްގެ އަދަދު ވަކި ވަރަކަށް މަދުކުރުން ފަދަ ކަންތައް ތައާރަފުކުރުމުގެ ސަބަބުން ޓުވިޓާ ބޭނުންކުރާ ފަރާތްތަކުން މާޔޫސް ވެފައިވާ ދަނޑިވަޅެއްގައި ތްރެޑްސްއަކީ ސީދާ ޓުވިޓާއަށް އޮތް ބިރަކަށް ވެދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މެޓާގެ އިންސްޓަގްރާމާ ގުޅުވައިފައިވާ ތްރެޑްސް މާދަމާ ނެރުމުގެ ކުރިން އިއްޔެއިން ފެށިގެން އެޕަލްގެ އެޕް ސްޓޯރުގައި ވަނީ އާންމުކޮށް ފެންނަ ގޮތަށް ހުޅުވާލާފަ އެވެ.
މެޓާއިން ވަނީ ބުރާސްފަތި ދުވަހަށް ކައުންޓްޑައުނެއް ވެސް މިހާރު ފަށައިފަ އެވެ.
ތްރެޑްސްގެ ޕްރޮމޯޝަން ސްކްރީން ޝޮޓުގައިވާ ގޮތުން އެއީ "ޓެކްސްޓް މެސެޖްގެ ޒަރީއާއިން ޖަމާއަތްތައް އެއްތަން ވެލައި ފާޅުކުރަން ބޭނުންވެފައިވާ ޚިޔާލުތައް ފާޅުކޮށް އެޚިޔާލުތައް ފަހުން ވައިރަލް ވެގެންދާނެ" ޕްލެޓްފޯމަކަށް އެ އެޕް ވާނެ އެވެ.
ސްކްރީން ޝޮޓުން ފެންނަ މައުލޫމާތުތަކަށް ބަލާއިރު ތްރެޑްސް އެޕަށް އިންސްޓަގްރާމް މެދުވެރިކޮށް ލޮގިން ވެވޭނެ އެވެ. ހަމަ އެފަދައިން އިންސްޓަގްރާމުގެ ފޮލޯވަރުން ފޮލޯ ވެސް ކުރެވޭނެ އެވެ. ތްރެޑްސްގެ ސިފަތަކަށް ބަލާއިރު މުޅިން ވެސް ހުރީ ޓުވިޓާގެ ސިފަތަކެވެ.
ތްރެޑްސް އެޕް ޓްވިޓާއާ ވާދަވެރި އެޕެއްގެ ގޮތުގައި ނުކުތް ކަމަށް ވިޔަސް މި އެޕަކީ މެޓާއިން 2019 ވަނަ އަހަރު ސްނެޕްޗެޓާ ވާދަކުރުމަށް އުފެއްދި އެޕެކެވެ. ނަމަވެސް އެފަހަރު އެ އެޕް ބޭނުންނުކޮށް ވަނީ ދޫކޮށްލައިފަ އެވެ.
މެޓާއިން ތްރެޑްސް ނެރޭއިރު އެލަން މަސްކް ޓްވިޓާ ގަތުމަށްފަހު އެ އެޕްލިކޭޝަނަށް ގެންނަމުންދާ ބަދަލުތަކާ މެދު ގިނަބަޔަކު ވަނީ މާޔޫސްވެފަ އެވެ.
ތްރެޑްސް އާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް މިވަގުތު ދައްކަން ބޭނުން ނުވާ ކަމަށް މެޓާއިން ބުނެ އެވެ.