ނިއު ދިއްލީ (12 ޖެނުއަރީ) - ކޮވިޑް ވައިރަސްއާ ދެކޮޅަށް އިންޑިއާއިން ކުރަމުންގެންދާ މަސައްކަތުގައި އެ ގައުމުގެ 1.3 ބިލިއަން މީހުންގެ އާބާދީއަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމު ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.
މި ގޮތުން އިންޑިއާގެ އެކިއެކި ސްޓޭޓްތަކަށް ގެންދަންޖެހޭ ވެކްސިން ގެންދިއުމަށް، އިންޑިއާގެ އެއާލައިންތަކުން ވަނީ އަންގާރަ ދުވަހު ފަށައިފަ އެވެ. ވެކްސިން ދިނުމުގެ ޕްރޮގްރާމު ރަސްމީކޮށް އެ ގައުމުގައި ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އިންޑިޔާގެ އޭވިއޭޝަން މިނިސްޓަރު ވިދާޅުވިގޮތުގައި އެއާލައިންތަކުން 5.65 މިލިއަން ވެކްސިން އެކި ސިޓީތަކަށް ފޯރުކޮށްދޭނެ އެވެ. އަދި ފުރަތަމަ ގެންދެވޭނީ ވެކްސިން ރައްކާކުރުމަށް ތައްޔާރުކުރެވިފައިވާ ސްޓޯރޭޖް ތަކަށެވެ. އަދި އޭގެ ފަހުން ވެކްސިން ދިނުމަށް ކަނޑައެޅޭ ބޫތުތަކަށް ވެކްސިން ފޯރުކޮށްދެވޭނެ އެވެ.
ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި އެންމެ ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައިވަނީ އެ ގައުމުގެ 30 މިލިއަން ސިއްހީ ހިދުމަތްތެރިންނާއި އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ. އަދި އޭގެ ފަހުން އެގައުމުގެ 50 އަހަރުން މަތީ މީހުންނާއި ހައިރިސްކް ކެޓަގަރީގައި ހިމެނޭ 270 މިލިއަން މީހުންނަށް ވެކްސިން ދެވޭނެ އެވެ. އިންޑިއާއިން އުންމީދު ކުރާގޮތުގައި މި ކެޓަގަރީތަކުގެ މީހުންނަށް ކުރިއަށް އޮތް 6 ނުވަތަ 8 މަސްދުވަސް ތެރޭގައި ވެކްސިން ދީ ނިންމާ ލެވޭނެ އެވެ.
އިންޑިޔާ ސަރުކާރުން ވަނީ އެގައުމުގައި އުފައްދާ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ކޮވިސީލްޑް ސޮޓް ފޯރުކޮށްދިނުމަށް އެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އަދަރް ޕޫނަވައްލާ ވިދާޅުވިގޮތުގައި އިންޑިޔާ ސަރުކާރުން ގަންނަ ފުރަތަމަ 100 މިލިއަން ވެކްސިން ޑޯޒް ވިއްކުމަށް ހަމަޖެހިފައިވަނީ ހާއްސަ އަގެއްގައި، 200 ރުޕީސް (2.73 ޑޮލަރު) އަށެވެ. މިއީ އެކުންފުނިން އިންޑިއާގެ ފަގީރުންނާއި، ސިއްހީ ހިދުމަތްތެރިންނާއި އަދި ބަލިމީހުންނަށް، އެހީތެރިވުމުގެ ގޮތުން ކުރާ ކަމެކެވެ. އަދި އޭގެ ފަހުން ކޮވިޑް ވެކްސިން ޑޯޒް ޕްރައިވެޓް މާކެޓަށް ވިއްކުމަށް ހަމަޖެހިފައިވަނީ 1،000 އިންޑިއަން ރުޕީސް އަށެވެ.
އަންގާރަ ދުވަހުގެ ނިޔަލަށް އިންޑިއާއިން ވަނީ 12،584 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި މި ރޯގާގައި އިންޑިޔާއިން ވަނީ ޖުމްލަ 151،000 މީހުން މަރުވެފަ އެވެ.
އިންޑިއާއަކީ މުޅި ދުނިޔެއިން ވެސް ދެވަނަ އަށް އެންމެ ގިނަ މީހުން ފޮޒިޓިވްވި ގައުމެވެ. އެ ގައުމުން 10.5 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. - ރޮއިޓާސް