މެޓައިން އަލަށް ލޯންޗުކުރި ތްރެޑްސް އެޕްލިކޭޝަން އާއްމުކޮށް ނެރުނުތާ ހަތް ގަޑިއިރު ތެރޭގައި 10 މިލިއަނަށްވުރެ ގިނަ ޑައުންލޯޑްސް ލިބިފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

މެޓަގެ ވެރިޔާ މާކް ޒަކަބާގް އިތުރަށް ބުނެފައިވަނޭ ތްރެޑްސްއަކީ އިލަން މަސްކްގެ ޓްވިޓާއަށް ވާދަކުރެވޭ ވަރުގެ އެޕްލިކޭޝަނެއް ކަމަށެވެ.

ޓެކްނޮލޮޖީގެ މާހިރުން ބުނާ ގޮތުގައި ޓްވިޓާއަށް މިފަހުން ގެނެވުނު ބަދަލުތަކާ މެދު ހިތްހަމަ ނުޖެހޭ ފަރާތްތައް އެ އެޕްލިކޭޝަން ދޫކޮށް ތްރެޑްސް ޚިޔާރު ކުރުން ގާތް ކަމަށެވެ.

ޓްވިޓާއާއި ތްރެޑްސްގެ ގިނަ އެއްގޮތް ކަންތައްތަކެއް ހުރިއިރު ޓްވިޓާއާ ޚިލާފަށް ތްރެޑްސް އަކީ ކަސްޓަމަރުންނާ ރައްޓެހި ޕްލެޓްފޯމެއް ކަމަށް ޒަކަބާގް ބުންޏެވެ.

ޓްވިޓާއަށްވުރެ ތްރެޑްސްގެ މަގުބޫލުކަން އިތުރު ވެދާނެތޯ ސުވާލު ކުރެވުމުން ޒަކަބާގް ބުނީ އެކަމަށް ވަގުތު ނަގާނެ ކަމަށާއި އެހެން ނަމަވެސް ދިގު މުއްދަތުގައި އެއީ ވެދާނެ ކަމެއް ކަމަށެވެ.

އޭނާ އިތުރަށް ބުނީ އަމާޒަކީ އެއް ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ "ޕަބްލިކް ކޮންވަޒޭޝަން" އެޕްލިކޭޝަނެއް ތަރައްގީ ކުރުން ކަމަށެވެ.

ތްރެޑްސް އާއްމުކޮށް ނެރެ 100އަށްވުރެ ގިނަ ގައުމުގައި މިހާރު ޑައުންލޯޑް ކުރެވޭއިރު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެޕްލިކޭޝަން ޑައުންލޯޑް ކުރަމުންނެވެ.

އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ޓްވިޓާއާއި ތްރެޑްސްއާ ދެމެދު ވަރުގަދަ ވާދަވެރިކަމެއް އުފެދޭނެ ކަމަށް ބެލެވެ އެވެ.