ލޯކަލް ކައުންސިލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސް މިމަހުގެ 17ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ދައުރުން މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެޖެންޑާ ކޮށްފައިވަނީ ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ކަމަށެވެ.

އީވާ ވިދާޅުވީ މިމަހުގެ 17ވަނަ ދުވަހު ބާއްވާ ޖަލްސާގައި މިބިލުގެ އިބްތިދާއީ ބަހުސަށް ހުޅުވާލާނެ ކަމަށާއި އަދި ވާހަކަ ދައްކަވަން ބޭނުންވާ ހުރިހާ މެމްބަރުންގެ ފުރުސަތު ނިމެންދެން ޖަލްސާ ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.

ގާނޫނަށް ބޮޑެތި އިސްލާހުތަކެއް

ހުޅުމާލޭ ދާއިރާގެ މެމްބަރު ހުށައަޅުއްވާފައިވާ އެ އިސްލާހުގައި ވަނީ، ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އެ މާއްދާގައި (ށ) އިސްލާހުކޮށްފައިވަނީ، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އިންތިހާބުގެ ކަންކަން ފެށުމަށް ކޮމިޝަނުން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމު ކުރަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

އެ އިސްލާހުގައި ގާނޫނުގައި ބުނެފައިވާ ބައެއް މުހުލަތުތައް ކުރުކުރަން ހުށަހަޅާފައިވެ އެވެ. އެގޮތުން އިންތިޚާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓު ދޭ މީހުންގެ ލިސްޓު އާންމު ކުރަން ޖެހޭ އުސޫލު ބަދަލުކޮށް އެ މުހުލަތު 30 ދުވަހަށް ކުރު ކުރަން ޖެހެ އެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު 10 ދުވަހުން ފަސް ދުވަހަށް ބަދަލުކުރަން ހުށަހަޅާފަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ބާއްވަން ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.