"ވަންގަވް" އާއެކު ރާއްޖޭގައި ފެށިގެން އެދަނީ ޑިޖިޓަލް ސަރުކާރެއްގެ ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ސަލްޓަން ޕާކްގައި ބޭއްވި ރަސްމިއްޔާތުގައި "ވަންގަވް" އިފްތިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަންގަވް އާއެކު ފެށިގެންދާ ޑިޖިޓަލް ސަރުކާރުގެ އެންމެ ހާއްސަ ސިފައަކީ ސަރުކާރުން އެމީހަކު ހޯދަން ބޭނުންވާ ހިދުމަތެއް އެމީހަކު ހުރި ތަނަކުން އެމީހަކާ ހަމައަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ ރާއްޖެފަދަ ޖަޒީރާވަންތަ ގައުމަކަށް މުހިންމު ޕްލެޓްފޯމެއްކަމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްވެސް މުހިންމު ޕްލެޓްފޯމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަންގަވްގެ ހިދުމަތްތަކަށް ހަފްތާގެ 7 ދުވަހު 24 ގަޑިއިރު އެދެވޭނެކަން ފާހަގަކުރައްވައި ވަންގަވްގެ ތެރޭން ލިބިގެންދާނެ ލުއިފަސޭހަތަކަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަންގަވްގެ ސަބަބުން ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދިއުމާއި ކަރުދާސް ބޭނުންކުރަންޖެހޭ މިންވަރު މަދުވެ، ތިމާވެށީގެ ގޮތުންނާއި އިޤްތިސާދީގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.

ވަންގަވްގެ ހިދުމަތާއެކު ޒަމާނުއްސުރެ ހިދުމަތްތައް ހޯދުމަށް ކަނޑުހުރަސްކޮށް ދަތުރުކޮށް އިދާރާތަކަށް ދާންޖެހޭޖެހުމާއި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބޭގޮތް ނުވުމާއި ހިދުމަތްތައް ހޯދުމަށް ފޯމުތައް ޕްރިންޓްކޮށް އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ލިބިގެންދާނެ އެވެ.

ވަންގަވް އަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށެވެ. މިއަދު ވަންގަވް އިފްތިތާޙްކޮށްފައި ވަނީ 6 އިދާރާއެއްގެ ހިދުމަތްތަކާ އެކުގައި ކަމުގައިވިޔަސް މި ހިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެންދާނެ އެވެ. ވަންގަވްގެ ހިދުމަތްތައް ހޯދުމުގައި އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޕޯޓް ސެންޓަރުތައް ރާއްޖޭގެ 3 ސަރަޙައްދެއްގައި ގާއިމްކޮށްފައިވެ އެވެ.

އެގޮތުން އެތަންތަނަށް ގޮސްގެންނާއި ކޯލް ސެންޓަރު މެދުރިކޮށް އަދި އޮންލައިންކޮށް އެހީތެރިކަން ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.