ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދޭން ނިންމާފަިއވަނީ 10 ދުވަހަށް ސިންގަޕޫރަށް ކަމަށް ކަރެކްޝަންސްއިން ބުނެފި އެވެ.

ކަރެެކްޝަންސްއިން ކުރި ޓްވީޓެއްގައި ބުނީ، އަދީބަށް އެ ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ. އަދި އެއީ އެ އިދާރާގެ މެޑިކަލް ބޯޑުގެ ލަފައާ އެކު ނިންމި ނިންމުމެއް ކަމަށް ޓްވީޓްގައި ބުނެފައިވެ އެވެ.

"ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި މި ސާވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މޮނިޓަ ކުރަމުން ގެންދާނެ ކަމުގައި ދަންނަވަން،" ކަރެކްޝަންސްގެ ޓްވީޓްގައި ބުނެފައިވެ އެވެ.

އަދީބު ފުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

އެމްއެމްޕީއާރުސީގެ ވައްކަމުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވިޔަސް އަދީބު ހުންނަވަނީ، ދައުލަތާ އެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން ގޭބަންދުގަ އެވެ.

ގޭބަންދުގައި ހުންނަވަނިކޮށް، މިދިޔަ ބުދަ ދުވަހު ހާލު ދެރަވެގެން އައިޖީއެމްއެޗްގައި އެޑްމިޓް ކުރި އެވެ. އަދި މިދިޔަ އާދިއްތަ ދުވަހުގެ ވަގުތެއްގައި އަދީބު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

ސަރުކާރާ އަދީބުއާއެކު ހަދާފައިވާ ޑީލެއްގެ ދަށުން އޭނާ ފުރުވާލަން އުޅޭކަމުގެ އަޑުތަކެއް މީގެ ކުރިން ވެސް ވަނީ ފެތުރުފަ އެވެ.