ވޮޝިންޓަން (13 ޖެނުއަރީ) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން މިމަހު ހަ ވަނަ ދުވަހު ކޮންގްރެސް އިމާރާތަށް ގަދަކަމުން ވަދެގަނެ އެތަނުގެ ތަކެއްޗަށް ގެއްލުންދީ، ލޫޓުވައި، ހިންގި ހަމަނުޖެހުންތަކުގެ ފުރިހަމަ ޒިންމާ ޓްރަންޕް ނަންގަވަން ޖެހޭނެކަމަށް ވިދާޅުވެ، ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކޮށްފި އެވެ. .

މިއީ އެމެރިކާގެ ތާރީޚުގައި ވެސް ރައީސަކު ދެ ފަހަރަށް އިމްޕީޗްކުރި ފުރަތަމަ ފަހަރެވެ.

ޓްރަމްޕް އިމްޕީޗް ކުރުމުގެ މަސައްކަތް ފެށީ އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ މާއްދާގެ ދަށުން ނައިބު ރައީސް މައިކް ޕެންސް، އެމެރިކާގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް ހައުސްގެ މެމްބަރުންގެ 223-205 އަގުލަބިއްޔަތުން ފާސްކޮށްފައި ވަނިކޮށް ޕެންސް މިކަމާއި ދެކޮޅު ހެއްދެވުމުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ

ޕެންސް ވަނީ 25 ވަނަ މާއްދާގެ ދަށުން ނައިބު ރައީސް އަށް ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވޭނީ ރައީސަކަށް ހުންނަވާ ބޭފުޅަކު ވެރިކަން ހިންގުމަށް ނަފްސާނީ ގޮތުން ނުވަތަ ބައްޔެއްގެ ސަބަބުން ނުވަތަ އެނޫން ވެސް ކަމަކާއި ގުޅިގެން ނުކުޅެދިއްޖެ ހާލަތެއްގައި އެކަނި ކަމަށެވެ. އަދި އެކަމަކު އެހާލަތެއް ނާންނަ ކަމަށް ހައުސްގެ ރައީސާ ޕެލޯސީ އަށް ޕެންސް ފޮނުވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ހައުސްގައި ނެގި ވޯޓުން ޓްރަމްޕް އިމްޕީޗްކުރުމަށް ނިންމުމާ ގުޅިގެން އެ މައްސަލަ ފޮނުވާނީ ސެނެޓަށެވެ.

ސެނެޓުގައި މިކަމާ ގުޅިގެން ޝަރީއަތެއް ކުރިއަށް ގެންދާނެ އެވެ. ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވުމަށް ސެނެޓްގެ ތިންބައިކުޅަ ދެބައި އަގްލަބިއްޔަތު ބޭނުންވާނެ އެވެ.

ހައުސް އޮފް ރެޕްޒެންޓޭޓިވްގެ ރައީސާ ނެންސީ ޕެލޯސީ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި އެމެރިކާގެ ރައީސަކަށް ހުރި މީހަކު ވެސް ގާނޫނު އަސާސީއާ ހިލާވްވުމުން އެމީހަކަށް އެކަމުގެ ހައްގު އަދަބު ދޭންޖެހޭނެ އެވެ.

ޓްރަމްޕް ރައީސްކަމުގައި ހުންނަވައިފި ނަމަ ގައުމަށް ނުހަނު ބޮޑެތި ގެއްލުން ލިބޭނެ ކަމަށާއި، އަދި އެމެރިކާގެ ސަލާމަތަށް ވެސް މިކަމުން ނުރައްކާވާނެ ކަމަށެވެ. އެހެންކަމުން ޓްރަމްޕް މަގާމުން ވަކިކުރުން ނޫން ގޮތެއް ނެތް ކަމަށް ޕެލޯސީ ވިދާޅުވި އެވެ.

ޓްރަމްޕްގެ ޕާޓީގެ މެމްބަރުން ވެސް ބައިވެރިވި މި ވޯޓްގައި އިމްޕީޗްކުރުމަށް ފާސްވީ 232-197 ވޯޓުންނެވެ.

ޖޯ ބައިޑެންގެ ޑިމޮކްރެޓިކް ޕާޓިއަށް ވަނީ ކޮންގްރެސްގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އަދި ސެނެޓްގެ މެޖޯރިޓީ ވެސް ލިބިފަ އެވެ. މިއީ 2009 ވަނަ އަހަރަށް ފަހު ޑިމޮކްރެޓިކް ޕާޓީއަށް ފުލް ކޮންޓްރޯލް ލިބުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ކޮންގްރެސްގެ ދެ ގެއިން ވެސް ޓްރަމްޕާ ދެކޮޅަށް ކުރެވޭ ކަންތައްތަކަށް ކާމިޔާބު ލިބޭނެ ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ.

އެކަމަކު ސެނެޓްގައި ކުރިއަށްގެންދާ ޝަރީއަތް ބަކީ އޮތް މަދު ދުވަސްތަކުގެ ތެރޭގައި ނިންމާލެވިދާނެ ކަމަކަށް ނުބެލެވެ އެވެ. .

ކޮންގްރެސް މެމްބަރު ސްޓޭންލީ ހޯޔާ ނިދާފައި ތިިބި ސިފައިންގެ ކައިރިން ޖަލްސާއަށް ވަޑައިގަންނަވަނީ

މިމަހު ހަވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނާއި އަދި މިމަހު 20 ވަނަ ދުވަހު އަލަށް އިންތިހާބް ކުރެވޭ ރައީސް ޖޯ ބައިޑެން ހުވާކުރުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޕެންޓަގެން އިން ވަނީ 15،000 ނެޝަނަލް ގާޑްގެ ސިފައިން ފޮނުވާފަ އެވެ. އަދި މިހާރު ގިނަ އަދަދެއްގެ ސިފައިން ވަނީ ހަތިޔާރާއެކު ޑީސީ ގައި ހަރަކާތްތެރިވާން ފަށާފަ އެވެ.

މީޑިއާ ތަކުން ވަނީ ކޮންގްރެސް ބިލްޑިންގްގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާ ސިފައިން އެތަނުގައި ނިދަން ތިބި ފޮޓޯ އާންމުކޮށްފަ އެވެ. މިއީ އެމެރިކާގައި 1861 އިން 1865 އަށް ހިނގި ދާހިލީ ހަނގުރާމއިގެ ފަހުން ނޭޝަނަލް ގާޑްގެ ސިފައިން މިގޮތަށް ތިބި ފުރަތަމަ ރެއެވެ.