ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

އެމްޓީޑީގެ އޮފިޝަލަކު ވިދާޅުވީ އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ ނުރައްކާތެރި ނާރުގެ ބައްޔަކަށް ބޭސްފަރުވާ ކުރެއްވުމަށް ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޮފިޝަލް ވިދާޅެއްނުވެ އެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ދިނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެކި ދައުވާތައް ސާބިތުވެ އަދީބަށް އިއްވި 33 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގެ އަމުރަކުން ވަނީ ބާތިލްކޮށްފަ އެވެ.

މި ސަރުކާރު އައިފަހުން އަދީބާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން ދައުލަތުން އުފުލި ހަތް ދައުވާއަށް ޝަރީއަތުގައި އޭނާ އިއުތިރާފުވުމުން 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ހުކުމްކުރުމަށްފަހު އަދީބު ބަހައްޓާފައި ވަނީ ގޭގަ އެވެ.