ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ މިވަނީ ދާދިފަހުން ވިހެއި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ އަށް މަރުހަބާ ކިޔާފަ އެވެ.

ޕްރިޔަންކާ ހިއްސާކުރި އިންސްޓަގްރާމް ސްޓޯރީގައި ލިޔެފައި ވަނީ އަނުޝްކާ އާއި ވިރާޓްގެ ދެމަފިރިންނަށް މަރުހަބާ ކިޔުމަށް ފަހު، އެ ދެމަފިރިންނަށްޓަކައި އުފާވާ ކަމަށް ބުނެފަ އެވެ. އަދި "ކުޑަ ޕްރިންސެސް" އަށް ލޯބި ފޮނުވާ ކަމަށް ވެސް ލިޔެފައިވެ އެވެ.

ދާދިފަހުން ޕްރިޔަންކާގެ އިންޓަވިއުއެއްގައި ދަރިން ހޯދުމާ ގުޅޭ ގޮތުން ޕްރިޔަންކާއާ ސުވާލުކުރުމުން ވަނީ މަޖާ ޖަވާބެއް ދީފަ އެވެ.

"އަހަރެން ބޭނުން ކުދިން. ހޯދޭހާ އެންމެ ގިނައިން ކުދިން ހޯދަން ބޭނުންވަނީ. ކްރިކެޓް ޓީމެއް ހަމަ ވާ ވަރަށް،" ޕްރިޔަންކާ ބުނެފައިވެ އެވެ.

މި ނިމުނު 2020 ވަނަ އަހަރު ވެގެންދިޔައީ ޕްރިޔަންކާއަށް ބިޒީ އަހަރަކަށެވެ.

އޭނާ އަހަރު ނިންމާލީ "ވީ ކޭން ބީ ހީރޯސް" ނަމަކަށް ކިޔާ ނެޓްފްލިކްސް ކުޑަކުދިންގެ ފިލްމަކުންނެވެ. އަދި ދާދި ފަހުން ޕްރިޔަންކާ މިވަނީ "ޓެކްސްޓް ފޯ ޔޫ" ގެ ޝޫޓިންވެސް ނިންމާލާފަ އެވެ.