ޔަޝް ރާޖް ފިލްމްސްގެ ކުރިއަށް އޮތް ސްޕައި ތްރިލާ ފިލްމުގެ ބަތަލާއަކަށް އާލިއާ ބަޓް ހަމަޖެހުނު ވާހަކައިގެ އަޑުތައް އެރުމާއެކު ކެޓްރީނާ ކައިފްއާއި ދީޕިކާ ޕަދުކޯންގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅުކުރަން ފަށައިފި އެވެ.

އެ މީހުން ބުނާ ގޮތުގައި އާލިއާއަކީ އަންހެން ބަތަލެއް ހަރަކާތްތެރިވާ ސްޕައި ފިލްމަކަށް އެންމެ ރަނގަޅު އެކްޓަރެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ރޯލެއް އެންމެ އެކަށޭނައީ ކެޓްރީނާ ނުވަތަ ދީޕިކާއަށް ކަމަށް އެމީހުން ބުނެ އެވެ.

މީގެ ކުރިން މެގްނާ ގުލްޒާރުގެ "ރާޒީ"ގައި އާލިއާ ފެނިގެން ދިޔަ ނަމަވެސް އެއީ މުޅިއަކުން އަންހެނުން ޑޮމިނޭޓްކުރާ ފިލްމެއް ނޫނެވެ.

އެހެން ނަމަވެސް ޓައިގާގެ ފިލްމުތަކުގައި ކެޓްރީނާ ރަނގަޅު އެކްޓިންއެއް ދައްކައިދީފައި ވާއިރު މިއަހަރު ނުކުތް ޕަތާންގައި ދީޕިކާ ވެސް ވަނީ ކުޅަދާނަ ހުށައެޅުމެއް ދީފަ އެވެ.

ޔަޝް ރާޖް ފިލްމްސް ބެނާގެ ދަށުން ޑައިރެކްޓަރު އަދިތްޔާ ޗޯޕްރާ ސްޕައި ވާސް ނުވަތަ ޖާސޫސީ ފިލްމުތަކެއް ނެރެމުން އަންނައިރު އެ ފިލްމުތަކަށް ރަނގަޅު ކާމިޔާބީއެއްވެސް އަންނަނީ ލިބެމުންނެވެ.