ޑާކާ (14 ޖެނުއަރީ) - ރޮހިންޖާ ރެފިއުޖީންތަކެއް ބަންގްލަދޭޝްގައި ތިބޭ ކޭމްޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ކޭމްޕްގެ ބޮޑުބައި ހަލާކުވެއްޖެ އެވެ.
ބަންގްލަދޭޝްގެ ދެކުނުގެ ބާޒާރު ޑިސްޓްރިކްޓްގައި ހުންނަ ނަޔަޕާރާ ކޭމްޕަކީ ވަރަށް ކުރިއްސުރެ ފެށިގެން ކޭމްޕެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. މިޔަންމާގެ ރެފިއުޖީންނަށް ބަންގަލަދޭޝްއިން ހިމާޔަތްދިނުމަށްފަހު ބައިތިއްބާފައި ވަނީ މި ކޭޕްތަކުގަ އެވެ. ނަޔަޕާރާ ކޭމްޕްގައި އެއް މިލިއަނަށްވުރެ ގިނަ ރެފިއުޖީން ތިބެ އެވެ.
ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި 550 އަށް ވުރެ ގިނަ (3500 އަށް ވުރެ ގިނަ މީހުން) ގެތަކާއި، 150 އަށް ވުރެ ގިނަ ފިހާރަތަކާއި، އާންމު ހިދުމަތްދޭ ތަންތަން އަނދައިގެން ގޮސްފައިވާ ކަމަށް އދ. ގެ ރެފިއުޖީންނާ ބެހޭ އެޖެންސީ، ޔުނައިޓެޑް ނޭޝަން ހައިކޮމިޝަނާ ފޯ ރެފިއުޖީސް އިން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ ގޮތުން އަންނައުނާއި، ކާބޯތަކެތި އަދި ސިއްހީ ފަރުވާ ފޯރުކޮށްދެމުންގެންދާ ކަމަށާއި އަދި މި އަލިފާނުގެ ހާދިސާ ދިމާވި ސަބަބެއް އަދި އެނގިފައި ނެތްކަމަށް ވެސް ބުނެފައިވެ އެވެ.
ބަންގްލަދޭޝްގައި ހުންނަ ސޭވް ދަ ޗިލްޑްރެންގެ ކަންޓްރީ ޑިރެކްޓަރު ވަނީ މި ހާދިސާ އަކީ ރޮހިންޏާ ރެފިއުޖީންނަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެފަ އެވެ. އެ މީހުންގެ ގައުމުން ފައްސާލުމުން ބީރައްޓެހި އެހެން ގައުމެއްގައި ދަތި އުނދަގޫ ދިރިއުޅުމެއް، ނުހަނު ނިކަމެތި ހާލުގައި މަދު އެތިކޮޅަކާއެކު އުޅެމުންދަނިކޮށް މި ހާދިސާގައި އެ މީހުންގެ މުޅި ދިރިއުޅުން އަލުން ފަށަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
މި އަލިފާންގަނޑު ނިއްވާލުމަށް އަލިފާން ނިއްވާ މީހުންނަށް ދެ ގަޑިއިރު ހޭދަވި އެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް ސީރިއަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.
2017 ވަނަ އަހަރު އޯގަސްޓްމަހު މިޔަންމާގެ އަސްކަރިއްޔާއިން ހިންގަން ފެށި ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިލިއަނެއްހާ ރޮހިންޖާ މުސްލިމުން ވަނީ އެގައުމު ދޫކޮށް ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ.
މިޔަންމާގެ އަސްކަރިއްޔާއިން ހިންގި އެ އުދުވާނުގައި އެތައް ސަތޭކަ ބަޔަކު މަރައި އެ މީހުންގެ ގެދޮރާއި މުދަލުގައި ވަނީ އަލިފާން ޖަހާފަ އެވެ.
ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް ހިންގި އަމަލުތައް އދ. ގެ ޖެނެރަލް އެސެމްބްލީން ވަނީ ކުށްވެރިކޮށް ގަރާރެއް ފާސްކޮށްފަ އެވެ. އދ.ގެ ގަރާރުގައި މި އަމަލުތަކަކީ އިންސާނިއްޔަތާއި ހިލާފު އަމަލުތަކެއް ކަމަށާއި، މިއީ ބަޔަކާ ދެކޮޅަށް ހިންގޭނެ އެންމެ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފަ އެވެ. – ސްޓްރެއިޓް ޓައިމްސް