ނިއުޒީލެންޑުގެ އޯކްލޭންޑުގައި އަންހެނުންގެ ފީފާ ވޯލްޑް ކަޕް ފެށުމުގެ އިރުކޮޅެއް ކުރިން ހިނގި ބަޑީގެ ހަމަލައެއްގައި ތިން މީހަކު މަރުވެ ހަ މީހުން ޒަޚަމްވެއްޖެ އެވެ.

ޒަޚަމްވި މީހުންގެ ތެރޭގައި ޕޮލިސް އޮފިސަރެއް ވެސް ހިމެނެ އެވެ.

ނިއުޒީލެންޑުގެ ފުލުހުން ބުނި ގޮތުގައި ނޯވޭގެ ޓީމް ތިބޭ ހޮޓަލާ ކައިރީގައި ހުރި ކޮންސްޓްރަކްޝަން ސައިޓެއްގައި ހިނގި މިހާދިސާގައި ބަޑި ޖެހި މީހާ ވެސް ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ އަމިއްލައަށް ކަމެއް ނުވަތަ ފުލުހުންގެ ހަމަލައަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.

ނޯވޭ ޓީމުގެ ކެޕްޓަން ބުނި ގޮތުގައި ޓީމުގެ ކުޅުންތެރިންނަށް ހޭލެވުނީ ހެލިކޮޕްޓަރުގެ އަޑަށެވެ. ބަޑީގެ ހަމަލާ ހިނގީ އެ މީހުން ތިބި ހޮޓަލާ ވަރަށް ކައިރީގައި ކަމަށް ވިޔަސް ކެޕްޓަން ބުނި ގޮތުގައި އެކަމުގެ އެއްވެސް ނުތަނަވަސްކަމެއް ކުޅުންތެރިންގެ ނެތެވެ. އަދި ޓީމު އޮތީ ވޯލްޑް ކަޕް ހުޅުވާ މެޗްގައި ނިއުޒީލޭންޑާ ކުޅެން ތައްޔާރުވެފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ނިއުޒީލޭންޑްގެ ބޮޑުވަޒީރު ކްރިސް ހިޕްކިންސް ވިދާޅުވި ގޮތުގައި މި ހާދިސާގެ ސަބަބުން އިތުރު ނުރައްކަލެއް ނެތެވެ.

އޭނާ އެ ހާދިސާ ސިފަ ކުރެއްވީ އެހެން ބައެއްގެ ބައިވެރިވުން ނެތް ހާދިސާއެއްގެ ގޮތުގަ އެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުން ވަނީ ފީފާގެ އޮފިޝަލުންނާއެކު ވާހަކަ ދައްކައިފަ އެވެ. އެހެންކަމުން ވޯލްޑް ކަޕް، ކަނޑައެޅިފައިވާ ގޮތަށް ކުރިޔަށް ދާނެކަމުގެ ޔަގީންކަން ވެސް ބޮޑުވަޒީރު ދެއްވި އެވެ.

އެކްޓިން ޕޮލިސް ސުޕްރިންޓެންޑެންޓް ސަނީ ޕަޓޭލް ބުނި ގޮތުގައި ހަމަލާ ދިން މީހާ ބިލްޑިން ސައިޓަށް ވަދެ ލިފްޓަކުން މައްޗަށް އެރުމަށް ފަހު ބަޑި ޖަހަން ފެށީ އެވެ. އަދި އިރުކޮޅެއްގެ ތެރޭގައި ފުލުހުންނަށް އޭނާ ފާހަގަ ކުރެވި ދެފަރާތުން ބަޑީގެ ހަމަލަ ބަދަލުކުރި އެވެ. އަދި ކުޑައިރުކޮޅެއަގެ ތެރޭގައި ހަމަލާ ދިން މީހާ ވަނީ މަރުވެފަ އެވެ.

ނިއުޒީލޭންޑްގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ބަޑީގެ ހަމަލާ ދިން މީހަކީ އާއިލާގެ ތެރޭގައި ހަމަ ނުކެހުން ހިންގުމުގެ ސަބަބުން ގޭގައި ބަންދު ކޮށްފައި ހުރި މީހެކެވެ.

އޭނާ ބަންދުކޮށްފައި ހުރީ ބަޑީގެ ހާދިސާ ހިނގި ބިލްޑިންގް ސައިޓަށް މަސައްކަތު ދެވޭ ގޮތަށެވެ. މިހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ.