ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)ގެ އެކައުންޓުން އެކުންފުނީގެ ސީއެފްއޯ ޔާސިރު ހަސަންގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ވައްކަން ކުރި ކަމަށް ތުހުމަތުކޮށް ލިޔެފައިވާ ހަބަރުތަކާއި ގުޅިގެން ދެ ނޫހަކަށް ދައުވާ ކުރުމަށް އޭނާ ނިންމައިފި އެވެ.

ޔާސިރު އަބުރުގެ ދައުވާ ކުރުމަށް ނިންމާފައިވަނީ "މިހާރު" ނޫހާއި "ދިޔަރެސް" ނޫހާ ދެކޮޅަށެވެ.

މިކަމާ ގުޅިގެން ޔާސިރު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ "މިހާރު" އާއި "ދިޔަރެސް" ނޫހާ ދެކޮޅަށް އަބުރުގެ ދައުވާކުރީ އާރްޑީސީ އާއި އެ ކުންފުނީގެ މުވައްޒަފުންނާއި ކުންފުނީގެ ކްލަޔަންޓުންނާ މެދު އުފެދިފައިވާ އިތުބާރު ނަގާލައި ނުބައި ތަސައްވުރެއް ދިނުމަށް ފެތުރި ދޮގު ޚަބަރުތަކެއް ފެތުރުމުގެ ސަބަބުން ކަމަށެވެ.

ޔާސިރުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އާރްޑީސީގެ ފައިސާއާ ބެހޭ ހުރިހާ މުއާމަލާތެއް 2020ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަނީ އެކައުންޓިންގެ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން، ނިންމަންޖެހޭ ހުރިހާ އޮޑިޓްތައް ވެސް ނިންމާފައި ވާނެކަމަށާއި އޮޑިޓްތަކުން ވެސް މިފަދަ މުއާމަލާތެއް ހިނގާފައިވާކަން އެނގިފައި ނެތްކަމަށް ޔާސިރު ވިދާޅުވި އެވެ. އަދި ކުންފުނީގެ ސީއެފްއޯގެ މަގާމުގައި ހުރި ނަމަވެސް އާރްޑީސީގެ އެކައުންޓުން ފައިސާ ނަގައި ފައިސާގެ މުއާމަލާތެއް ކުރުމުގެ ހުއްދަ އޭނާއަށް ނޯންނަ ކަމަށާއި ކުންފުންޏަށް ބޭނުންވާ ފައިސާ ކުންފުނީގެ އެކައުންޓުން ނަގައި އެކަމުގެ މުއާމަލާތް ކުރަނީ އެކަމަށް ހާއްސަ މުވައްޒަފުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏާ ގުޅޭ އެއްވެސް ނަގުދު ފައިސާއެއް އަމިއްލަ އެކައުންޓަށް ޖަމާކޮށްފައެއް ނުވާނެ،" ޔާސިރުގެ ބަޔާނުގައިވެ އެވެ. އަދި މިއީ ވަކި މަގުސަދެއް ހާސިލުކުރުމަށް ބަޔަކު ކޮށްފައިވާ ތުހުމަތުތަކެއް ކަމަށާއި މި މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ޔާސިރު ވަނީ ވިދާޅުވެފަ އެވެ.

މިމައްސަލައާއި ގުޅިގެން އާރުޑީސީ އިން ވަނީ އޮންލައިން ނޫސް "ދިޔަރެސް"އާ ދެކޮޅަށް ވެސް ދައުވާކުރަން ނިންމާފަ އެވެ.

ފުލުހުން ވަނީ އާރްޑީސީއާ ގުޅޭ ގޮތުން މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ހުށަހަޅާފައިވާ މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.