ރިޔާޒް (15 ޖެނުއަރީ) - ސައުދީ އަރަބިއްޔާ އިން ވަރަށް އަވަހަށް އަންހެނުން ފަނޑިޔާރުކަމަށް އައްޔަންކުރާނެ ކަމަށް އެ ގައުމުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް އެންޑް ޝޯޝައަލް ޑިވެލޮޕްމަންޓްގެ ވިމެން އެމްޕަވާމަންޓް އަންޑާ ސެކްރެޓަރީ ހިންދު އަލް ޒާހިދު ވިދާޅުވި ގޮތުގައި އެ ގައުމުގެ ސަރުކާރުން އަންހެނުންނަށް އޮންނަ ފުރުސަތުތައް މިހާރަށް ވުރެ ފަހިކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަންހެނުން ބާރުވެރި ކުރުމަށް ސަރުކާރުގެ އިދާރާތަކުގެ އެކި ލެވެލްގައި އަންހެނުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޒީފާގެ ބާޒާރުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމާއި، އެކަށޭނެ މާހަލުއް ގާއިމްކުރުމާއި، އިސްމަގާމުތަކަށް އައްޔަންކުރުމަށް ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހިންދު ވިދާޅުވި އެވެ. ސަރުކާރުގެ މި އިސްނެގުމުގެ ދަށުން ސައުދީ އަރަބިއްޔާގައި އަންހެން ބޭފުޅަކު ފަނޑިޔާރުކަމަށް އަލަށް އަންޔަންވެގެން ދިޔުމަކީ މާދުރު ނޫން މުސްތަގްބަލެއްގައި ވެގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިންދު އިތުރަށް ވިދާޅުވީ ސައުދީގައި އަންހެނުން ވަޒީފާގެ މާހައުލަށް ނިކުންނަ އިންސައްތަ 31 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި މިއީ އުންމީދުކުރި ވަރަށް ވުރެ ބޮޑު އިތުރުވުމެކެވެ. ސިވިލް ސާވިސްގެ ވަޒީފާތަކަށް އަންހެނުން ނުކުންނަ އަދަދު 39 ޕަސެންޓުން 41 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި 2025 އަންނަން ވާއިރަށް 25 ޕަސެންޓްގެ ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރައްވާ ކަމަށް ހިންދު ވިދާޅުވި އެވެ.

އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ހަމަ ހަމަ ފުރުސަތު ހޯދައިދިނުމަށް ސައުދީ އިން ވަރަށް ބޮޑެތި މަސައްކަތްތަކެއް 2017 ވަނަ އަހަރުން ފެށިގެން ކޮށްފައިވާ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. ދުނިޔޭގެ 190 ގައުމެއްގެ ގާނޫނުން އަންހެނުންނަށް ލިބިދީ ފުރުސަތުތައް ދިރާސާކުރުމަށް ފަހު ކޮންމެ އަހަރަކު އެކުލަވާލާ "ވިމެން، ބިޒްނަސް އެންޑް ލޯ 2020" ރިޕޯޓުގައި ސައުދީ އަރަބިއްޔާއަށް ވަނީ 100 އިން 70.6 ޕޮއިންޓް ލިބިފަ އެވެ. މީގެ ކުރިން ސައުދީ އަރަބިއްޔާއަށް ލިބިފައިވަނީ 31.8 ޕޮއިންޓެވެ. - އަލްއަރަބިއާ