ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޓްރެފިކް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ބުނެފި އެވެ.

އާމިރު ހައްޔަރު ކޮށްފައިވަނީ ރޭ ދަންވަރު 1:15 ހާއިރު ހުޅުމާލެ ފޭސް 2 އިންނެވެ. އޭނާ ހައްޔަރު ކުރީ ފޭސް 2 ގެ ސްޓެލްކޯ ފްލެޓްތައް ކައިރީ ތިބި ޓްރެފިކް ފުލުހުން މަޑުކުރަން ބުނުމުންވެސް މަޑުނުކޮށް ދިއުމުންނެވެ. އާމިރު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލާފައި ވާއިރު އެނާ ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުންނެވެ.

ފުލުހުން އާމިރު ހައްޔަރު ކުރި އިރު މީހަކު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ފުލުހުން އޭނާގެ ފަހަތުން ގޮސް މަޑު ކުރުވާ ހައްޔަރު ކުރަން އުޅުމުން "އަނިޔާ ނުކުރަށޭ" އަނިޔާ ނުކުރާށޭ" ގޮވާ އަޑު އެވީޑިއޯއިން އިވެ އެވެ.

ފުލުހުްނ ބުނީ ރޭ ދަންވަރު 1:00 ހާއިރު ފުލުހުން ހުޅުމާލެ ފޭސް 2 ގައޮ ޗެކް ޕޮއިންޓު ޖަހައިގެން ތިއްބާ އެތަނުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑު ކުރަން ބުނުމުން މަޑު ނުކޮށް ދިޔަ ކަމަށެވެ. އަދި ފުލުހުން މަޑުކުރަން ބުނުމުން ފުލުހުންނާ ދިމާލަށް ހަޑި ހުތުރު ބަހުން އެއްޗެތި ގޮވަމުން ދިޔަ ކަމަށް ފުލުހުން ބުނެ އެވެ.