ސިފައިންގެ އެންމެ އިސް ހަތަރު ޖެނެރަލުންނަށް މިއަދު މަގާމުގެ ކުރިއެރުން ދެއްވައިފި އެވެ.
މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ބޭފުޅުންނަކީ މޭޖަ ޖެނެރަލްގެ މަގާމުން ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލާއި، ބްރިގޭޑިއާ ޖެނެރަލްގެ މަގާމުން މޭޖަ ޖެނެރަލްގެ މަގާމަށް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.
މީގެ އިތުރުން މޭޖާ ޖެނެރަލްގެ މަގާމަށް ކުރިއެރުން ދެއްވި ދެ ބޭފުޅުންނަކީ އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާންޓް މޭޖާ ޖެނެރަލް ވައިސް ވަހީދާއި އެމްއެންޑީއެފް ސާވިސް ކޯގެ ކޮމަޑާންޓް މޭޖާ ޖެނެރަލް ހާމިދު ޝަފީގެވެ.
ބަންޑާރަކޮށީގައި މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިބޭކަލުންނަށް މަގާމުގެ ރޭންކް ހަވާލުކޮށްދެއްވީ ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. މި މިބޭކަލުންނަށް މަގާމުގެ ލިޔުން ހާވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަ މާރިޔާ އަހުމަދު ދީދީއެވެ.
މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް ޝަމާލްއަކީ އަސްކަރީ ތާރީހުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ދެވަނަ ބޭފުޅާ އެވެ. މީގެ ކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ހަމައެކަނި ބޭފުޅަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ އަބްދުއްސައްތާރެވެ.