ކަރަން ޖޯހަރް ޑައިރެކްޓްކުރާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ ލީޑް ރޯލުން ފެނިގެންދާ އެކްޓަރު ރަންވީރު ސިންގް ދިރިއުޅުމާއި ލައިފްސްޓައިލް ފެނިގެންދާނެ ގޮތް ދައްކާލައިފި އެވެ.

ހަތް އަހަރަށް ފަހު ކަރަން ޖޯހަރު ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އާލިއާ ބަޓް އާއި ރަންވީރު ސިންގު ފެނިގެންދާއިރު، މި ފިލްމުގެ ޓްރެއިލާ އާއި ލަވަތަކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މި ފިލްމް ސިނަމާތަކުގައި އަންނަ ބުރާސްފަތި ދުވަހު ރިލީޒްކުރުމަށް ނިންމިއިރު، މިފިލްމުގައި ރޮކީގެ ރޯލުން ފެނިގެންދާ ރަންވީރުގެ ލައިސްޓައިލް ހުންނާނެ ގޮތުގެ ޓީޒާއެއް ބެލުންތެރިންނަށް ވަނީ ދޫކޮށްލާފަ އެވެ. މި ޓީޒާއިން ވެސް ފެނިގެންދާ ގޮތުގައި ރަންވީރު ފެންނާނީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ވަރަށް ޕޮޝް ލައިފްސްޓައިލެއް ގެންފުޅޭ ވަރަށް ޒަމާނީ ކެރެކްޓާއަކުންނެވެ.

https://www.youtube.com/watch?v=tSbSXH2HaOk

މި އަހަރުގެ އެންމެ އުންމީދީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގައި އާލިއާ އާއި ރަންވީރުގެ އިތުރުން ޖަޔާ ބައްޗަނާއި ދަރުމެންދުރާ އަދި ޝަބާނާ އާޒްމީ ވެސް ފެނިގެންދާނެ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ބެލުންތެރިންނަށް ދޫކޮށްލާ ދުވަސް ގާތްވަމުން އަންނަ އިރު، ވަރަށް ފޯރީގައި އަންނަނީ ފިލްމު ޕްރޮމޯޓްކުރަމުންނެވެ. އެގޮތުން ފިލްމުގެ ލަވަތަކުގެ ތެރެއިން ހަތަރު ވަނަ ލަވަ މިއަދު ދޫކޮށްލާނެ އެވެ. އެ ލަވައިގެ ނަމަކީ "ދިންދޯރާ ބާޖާ ރޭ" އެވެ.

https://www.youtube.com/watch?v=QXJyMpxd210

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީ އަނުޝްކާ ޝަރުމާ އާއި ރަންބީރު ކަޕޫރު ކުޅެ 2016 ގައި ރިލީޒްކުރި "އޭ ދިލް ހެ މުޝްކިލް" އަށް ފަހު ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.

މިފިލްމު ރާއްޖޭގައި އަންނަ ހުކުރު ދުވަހު ރިލީޒް ކުރުމަށް ވަނީ ނިންމާފަ އެވެ.