ރާއްޖޭގެ ދެކުނުގައި ވަކި ސަރުކާރެއް އުފައްދައި އައްޑު އަތޮޅުގައި ކުރަމުންދިޔަ ވެރިކަމާ ވިދިގެން ރާއްޖޭގައި ހިނގައިދިޔަ ހަމަނުޖެހުންތައް ހައްލު ކުރެވުނީ އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ދެކެވުނު ވާހަކަތަކެއްގެ ނަތީޖާ އިންނެވެ. ދެ ފަރާތުން ވެވުނު އެއްބަސްވުންތަކަކަށް ފަހު އައްޑޫ މައްސަލަ އޮތީ ފާޑަކަށް ހަމަޖެހިފަ އެވެ. އެހެން ނަމަވެސް އެއްބަސްވުމުގައި އޮތްގޮތަށް އިނގިރޭސިންގެ ފަރާތުން ފުރަތަމަ ކޮޅު އަމަލުކުރަމުން އައީ ވަރަށް ލަސް ސްޕީޑެއްގަ އެވެ.
މައްސަލައިގައި މާބޮޑު ކުރިއެރުންތަކެއް ނުލިބި، ލަސްވަމުން ދަނިކޮށް އެދުވަސްވަރު ރާއްޖޭގައި ހުންނެވި އިނގިރޭސި ސަފީރު އާތިންޓަން ޑޭވީ ރާއްޖޭގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރުގެ އެޕޮއިންޓްމެންޓަކަށް އެދިވަޑައިގެންނެވި އެވެ. ދިވެހި ސަރުކާރުން އެޕޮއިންޓްމެންޓް ހަމަޖައްސައި ދިނެވެ. ބައްދަލުވުން އޮތީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ އަތިރީ މާފަންނުގޭގަ އެވެ.
އަތިރީ މާފަންނުގޭގައި އޮތް ބައްދަލުވުމުގައި ބޮޑުވަޒީރު ނާސިރާއެކު ބައިވެރިވެވަޑައިގެންނެވި ވަޒީރުލްއައުޒަމްގެ ނައިބު މަރުހޫމު އިބްރާހިމް ރަޝީދު ވިދާޅުވެފައިވާ ގޮތުގައި އެ ބައްދަލުވުމަށް ވަޑައިގެން އިނގިރޭސި ސަފީރު ބޮޑު ވަޒީރު ނާސިރަށް އެރުވީ އިނގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި ސިޓީއެކެވެ. އެ ސިޓީގައި އޮތީ އައްޑޫގައި އުފެއްދި ސުވާދީބު ސަރުކާރުގެ ލީޑަރު އަބްދުﷲ އަފީފް އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ސީޝެލްސްއަށް ގެންދިޔަ ވާހަކަ އެވެ. އިބްރާހިމް ރަޝީދު ވިދާޅުވިގޮތުގައި ސިޓީ ބެއްލެވުމަށްފަހު ސަފީރު ޑޭވީ އާ ނާސިރު ކުރެއްވީ ސުއާލުތަކެކެވެ.
ނާސިރު އެއްސެވި އެވެ. މާލޭގައިވާ ދިވެހި ސަރުކާރު ނޫން ސަރުކާރެއް ގަބޫލު ނުކުރާނެކަން ލިޔުމަކުން ދިވެހި ސަރުކާރަށް އިނގިރޭސިން ވަނީ ޔަގީންކަން ދީފައި ނޫން ހެއްޔެވެ؟ އެކަން އެގޮތަށް އޮއްވާ ދިވެހި ސަރުކާރަށް އެނގުމަކާ ނުލައި އަފީފާއި އޭނާގެ އާއިލާ ދިވެހި ރާއްޖޭގެ ސަރަހައްދުން ބޭރަށް ގެންދެވިގެން ނުވާނެ ނޫން ހެއްޔެވެ؟ އެގޮތަށް އެކަން ކުރީ ކީއްވެގެން ހެއްޔެވެ؟
އިތުރަށް ނާސިރު ވިދާޅުވި އެވެ. އައްޑޫ މައްސަލައިގައި އިނގިރޭސި ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމަކަށް އާދެވުނީ (އޯލްޕޯޓް އެގްރިމެންޓް) ވަރަށް ގިނަ ވާހަކަތަކެއް ދެކެވުމަށް ފަހު އެވެ. ދިވެހިން މިތިބީ އެއްބަސްވުމާ ޚިލާފަށް އެއްވެސް ކަމެއް ނުކޮށެވެ.
ދުށްތަނާ އިވުނު އަޑުގެ ހަނދާން ހުރި ބައިގެ 1 ވަނަ ނަމްބަރުގައި އިބްރާހިމް ރަޝީދާ ހަވާލާދެއްވައި މަރުހޫމް އަލީ ހުސެއިން ލިއުއްވާފައިވާ ގޮތުގައި ނާސިރު ދެއްކެވި ވާހަކައިގެ ގޮތުންނާއި ރާގުން ޑޭވީއަށް ކުއްލިއަކަށް ދެއްވާނެ ޖަވާބެއް އެނގިވަޑައިނުގެން ހުއްޓުން އެރި އެވެ. އެގޮތަށް ހުންނެވުމަށް ފަހު ދެން ވާހަކަ ދެއްކެވީ އެފަދަ ޖަލްސާއެއްގައި ވާހަކަދައްކަން އެކަށޭނަ މިންވަރަށް ވުރެ ގަދަ އަޑުފުޅަކުންނެވެ. އަދި ހުންނެވީ ކޯފާ އިސްވެފަ އެވެ. ކޯފާގައި ހުންނަވާފައި ހަރުއަޑުފުޅުން ޑޭވީސް ވިދާޅުވީ ދިވެހިރާއްޖެއަކީ އެ މީހުންގެ ހިމާޔަތުގައި އޮތް ތަނެއް ކަމަށެވެ. އެހެންކަމުން ރާއްޖެއިން އެމީހުން ބޭނުން މީހަކު ބޭނުން ތަނަކަށް ގެންދެވޭނެ ކަމަށާއި އެކަމަށް ރާއްޖެއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
އިނގިރޭސި ސަފީރު ޑޭވީ ދިވެހި ބޮޑުވަޒީރުގެ ކުރިމަތީގައި އަމިއްލަ ނަފުސު ކޮންޓްރޯލް ނުވެ ދެއްކެވި ރުޅިވެރި ވާހަކަފުޅަށް ބޮޑުވަޒީރު ނާސިރު އަނެއްކާ ވެސް ދެއްވީ ހިކުމަތްތެރި އަވަސް ޖަވާބެކެވެ.
ނާސިރު ވިދާޅުވި އެވެ. އިނގިރޭސިން ބޭނުންހާ ގޮތެއް ދިވެހިންނަކަށް ނުހެދޭނެ އެވެ. ހެދޭނެ ކަމަށް ވަންޏާ ދިވެހިންނަށް ވެސް ހެދޭނެ ގޮތްތައް ހުންނާނެ އެވެ. ކުރެވޭނެ ކަންތައް ނެތިއެއް ވެސް ނުދާނެ އެވެ. ހިމާޔަތުގެ ވާހަކަ ތިޔަގޮތަށް އިނގިރޭސިން ދައްކާ ކަމަށްވަންޏާ، ތިޔަ ހިމާޔަތުގެ ދަށުގައި އެންމެ ހިނދު ކޮޅަކު ވެސް ތިބޭކަށް ދިވެހިން ބޭނުމެއް ނޫނެވެ. ހަމަ މިހާރު ތިޔަ ހިމާޔަތުގެ ދަށުން ވަކިވާން ބޭނުމެވެ.
ނާސިރުގެ ވާހަކަފުޅު ނިންމަވައި ލެއްވީ އޭރު ދުނިޔޭގައި އޮތް އެންމެ ބާރު ގަދަ ގައުމުކަމަށްވާ އިނގިރޭސި ވިލާތުން ދިވެހި ރާއްޖެއަށް ފޮނުއްވާފައި ހުންނެވި ސަފީރަށް ވަރުގަދަ އިންޒާރެއް ދެއްވަމުންނެވެ. ނާސިރު ވިދާޅުވި އެވެ. ހަނދާންކުރާށެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ދިވެހިން ވަކިވާން ބޭނުންވާ ވާހަކަ ދައްކަން އިނގިރޭސި ސަރުކާރުން އެއްބަސް ނުވާހާ ހިނދަކު، އިނގިރޭސިންނާ އެއްވެސް ވާހަކައެއް ދެއްކުމެއް ނެތެވެ.
އެ އިންޒާރާއެކު ނާސިރު ބައްދަލުވުން ދޫކުރައްވައި ވަޑައިގެންނެވި އެވެ. އޭގެ ފަހުން އިނގިރޭސި ސަފީރަކަށް ވެސް އިނގިރޭސި ހައިކޮމިޝަނަރަކަށް ވެސް ރާއްޖޭގެ ބޮޑުވަޒީރުގެ އެޕޮއިންޓްމެންޓެއް ލިބޭ ގޮތެއް ނުވި އެވެ. ރާއްޖެ އިނގިރޭސިންގެ ހިމާޔަތުން ވަކިވުމާބެހޭ ވާހަކަ އިނގިރޭސިން އިސްވެ ފަށަން ބޭނުންވެ، އެކަން ދިވެހި ސަރުކާރަށް ހުށަހެޅުމާ ހަމަޔަށް ނާސިރުގެ ފައިންޕުޅު އިނގިރޭސި ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތެއް ނުވި އެވެ.
އައްޑޫ މައްސަލައިގައި އިނގިރޭސިން އަމަލުކުރި ގޮތާ މެދު ދެކެވުނު ވާހަކައިގެ ތެރެއިން އިނގިރޭސި ސަފީރަށް ދިވެހި ބޮޑުވަޒީރު ދެއްވި އިންޒާރުގެ ނަތީޖާއެއްގެ ގޮތުން ފެށި، ދިވެހި ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ނިކުތުމުގެ ވާހަކަ ނިމުނީ ދިވެހި ސަރުކާރުން އެދުނު ގޮތަށް ހިމާޔަތުގެ އެގްރިމެންޓަށް ނިމުން ގެނެސް ދިވެހި ރާއްޖެއަކީ ފުރިހަމަ މުސްތަގިއްލު މިނިވަން ދައުލަތެއްގެ ގޮތުގައި އިނގިރޭސިން ގަބޫލު ކޮށްގެންނެވެ. އެކަމާ ބެހޭ އެއްބަސުމުގައި ދެ ސަރުކާރުގެ ފަރާތުން ސޮއި ކުރީ 26 ޖުލައި 1965 ގައި ސްރީ ލަންކާގަ އެވެ. އެ ދުވަހުއް ސުރެ މިއަދާ ހަމަޔަށް ދިވެހި ރާއްޖޭގައި ވިހުރެމުން ދަނީ ދިވެހި މިނިވަން ދިދަ އެވެ. ހުރިހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އެވެ.