ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ކުޅިވަރުތަކާއި ހެވިކަމުގެ ހަރަކާތްތައް މިރޭ ބާއްވައިފި އެވެ.

ގަލޮޅު ދަނޑުގައި ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނެވެ. ކުޅިވަރުތައް ބެލުމަށް ވަޒީރުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ހިމެނޭހެން 1،000 ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

ރަސްމިއްޔާތު ފެށުމުގެ ގޮތުން ސިފައިންނާއި ސްކޫލްތަކުގެ ކެޑޭޓް ކުދިންގެ ފަރާތުން ރައީސަށް ރިޔާސީ ކުރުނީހެއް އެރުވި އެވެ.

ތަފާތު ލަވަތަކަށް ހުށަހަޅައިދިން ނެށުންތައް ހިމެނޭހެން މާލޭގެ އެކި ސްކޫލްތަކުން ހަތަރު އައިޓަމެއް ހުށަހަޅާފައިވެ އެވެ. މިރޭ ކުރިއަށްދިޔަ ކުޅިވަރުތަކުގެ ތެރޭގައި ސިފައިންގެ ލަޝްކަރީންނާ އެކު ސްކޫލްތަކުގެ ކެޑޭޓުން ހިމެނޭ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުން ހިމެނެ އެވެ.

ކ. ކާށިދޫ ރައްޔިތުންގެ ފަރާތުންނާއި ހއ. ވަށަފަރު ރައްޔިތުންގެ ފަރާތުން އަދި މ. ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުމުގެ ފަރާތުން ވަނީ ސަގާފީ ކުޅިވަރުތަކެއް ހުށަހަޅައިފަ އެވެ.

މިނިވަން ދުވަސް ފާހަގަކުރަން މާދަމާ ހަވީރު މާލޭގެ މަގުތަކުގައި ޕެރޭޑާއި ރޭގަނޑު ފުޅަނދުބުރު ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.