ލަންޑަން (16 ޖެނުއަރީ) - އިނގިރޭސިވިލާތުގެ ފުލުހުން ކުށްވެރިންގެ މައުލޫމާތު ރައްކާކުރުމަށް ގެންގުޅޭ ސޮފްޓްވެއާއެއްގެ މައްސަލަޖެހިގެން ގިނަ އަދަދެއްގެ ކުށްވެރިންގެ މައުލޫމާތު ފޮހެވިއްޖެ އެވެ.

ބީބީސީ އިން ބުނީ އިނގިރޭސި ފުލުހުން ބަލަމުންދާ ގިނަ އަދަދެއްގެ މީހުންގެ މައްސަލަތަކާ ގުޅުންހުރި ކުށްވެރިންގެ މައުލޫމާތު ސިސްޓަމްއިން ޑިލީޓްވެގެން ހުއްޓާލަން ޖެހިފައިވާ ކަމަށެވެ.

އިނގިރޭސި ނޭޝަނަލް ޕޮލިސް ކޮމިޝަނާ ބޯޑް އިން ކުރިއަށްގެންދިޔަ ތަހުގީގުން އެނގުނު ގޮތުގައި 213،000 ކުށްވެރިންގެ ރިކޯޑް ވަނީ ޑިލީޓްކުރެވިފަ އެވެ.

ފުލުހުން ބުނިގޮތުގައި ކުށްވެރިންގެ މައުލޫމާތު ރައްކާކުރުމަށާއި، އެކި ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން ގެންގުޅޭ ސޮފްޓްވެއާގައި ހުރި ގިނަ އަދަދެއްގެ މައުލޫމާތު ވަނީ އޮޅުމަކުން ޑިލީޓްވެފަ އެވެ. މީގެ ތެރޭގައި ފިންގާ ޕްރިންޓްގެ މައުލޫމާތާއި ޑީއެންއޭ މައުލޫމާތު ކުށުގެ ރިކޯޑް ހިމެނެ އެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި އިނގިރޭސި ނޭޝަނަލް ޕޮލިސް އޮފީސް އިން ޑިޒައިންކޮށް ތައްޔާރުކުރި މި ސިސްޓަމުން ކުށްވެރިންގެ މައުލޫމާތު ޑިލީޓްކުރަން ފެށުނީ މިދިޔަ އަހަރު ނޮވެމްބަރު މަހު ތެރޭގަ އެވެ. އަދި މިކަން ފާހަގަވެގެން، ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރުމަށް ސިސްޓަމް ސަސްޕެންޑް ކުރެވުނީ މިދިޔަ ހަފްތާގައި ކަމަށްވެ އެވެ.

މިއީ ބަޔަކު ގަސްދުގައި ކުރިކަމެއްތޯ ނުވަތަ ސިސްޓަމަށް ދިމާވި ސޮފްޓްވެއާ މައްސަލައަކާ ގުޅިގެން ޖެހުނު މައްސަލައެއްތޯ ދަނީ ތަހުގީގު ކުރަމުންނެވެ. – ވައިސީ ނިއުސް