މި އަހަރަކީ ބޮލީވުޑްގެ ތަރި ދީޕިކާ ޕާޑުކޯން އަށް ބުރަ އަހަރެކެވެ. އޭނާގެ ނޫނީ ޝެޑިއުލްގައި ބޮޑު ހަ ފިލްމު އޮތް އެހެން ތަރިއެއް ބޮލީވުޑްގައި ނެތެވެ.

މީގެ ތެރެއިން ބައެއް ފިލްމުތަކުގައި ކުރީގެ ކޯ ސްޓާރުންނާއެކުގައި ފެނިގެންދާއިރު މުޅިން އާ ތަރިންނާއެކު ވެސް ދީޕިކާ ފެނިގެންދާނެ އެވެ.

ދީޕިކާ މިހާރު އިއުލާނުކޮށްފައިވާ ޕްރޮޖެކްޓްތަކަކީ ސިދާތް ޗަޓުރްވޭދީ އާއެކު ފެނިގެންދާ ޝަކުން ބަޓްރާގެ ފިލްމާއި، ޕްރަބާސްއާއެކު ފެނިގެންދާ ނާގް އަޝްވިންގެ ޕޭން-އިންޑިއާ މަލްޓިލިންގުއަލް ފިލްމު، ޕަޓާން (ޝާހުރުކް އާއި އެކު)، "އިންޓާން"ގެ ރީމޭކް، "މަހާބާރަތް" އަދި އެންމެ ފަހުން އިއުލާނުކުރި ފިލްމު "ފައިޓާ" އެވެ. ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމަކީ ދީޕިކާއާއި ރިތިކް ރޯޝަން އެކުގައި ބޮޑު ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

މިއަހަރު މި ހުރިހާ ފިލްމެއްގެ ޝޫޓިން ނުނިމޭނެ އެވެ. ނަމަވެސް އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް ދީޕިކާ ދާނީ މަދުވެގެން ދެ ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުން ކަމަށް އޭނާގެ ގާތް މީހަކު ބުނެފައިވެ އެވެ. ހަމައެއާއެކު ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް ތައްޔާރުވުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ އެވެ. މިއީ މީގެ ކުރިން ދީޕިކާ މަސައްކަތް ކޮށްފައިނުވާ ހާ ބުރަ ޝެޑިއުލް އެކެވެ.

މިއަހަރު މިހާ ބުރަކޮށް ދާނެތީ، އަހަރު ކުރީކޮޅު ދީޕިކާ ވަނީ ޗުއްޓީ ނެގުމަށް ފަހު އާއިލާއާއެކު ވަގުތު ހޭދަކޮށްފަ އެވެ.