ކާޖޮލްއަކީ 1990ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ވިދާލި ނަމެކެވެ. 30 އަހަރު ވެގެން ދިޔައިރު ވެސް އެ ދާއިރާއިން ފަނޑުނުވި ނަމެކެވެ.

ކާޖޮލްގެ 49 ވަނަ އުފަން ދުވަސް އިއްޔެ ފާހަގަ ކުރިއިރު މިއަދު ވެސް އޭނާއަކީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިންގެ ތެރެއިން އެއް ތަރި އެވެ.

މެދު އުމުރަށް އެޅި ނަމަވެސް މިހާރުވެސް ފިލްމީ މަސައްކަތްތައް ކުރަމުން އަންނަ ކާޖޮލްގެ ހުނަރާ ގާތް ކުރެވޭ ވަރުގެ އެކްޓަރެއް އަދވެސް ބޮލީވުޑަށް ނާންނަ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ކާޖޮލްގެ 30 އަހަރުގެ ދިގު ކެރިއަރުގައި އޭނާ ވަނީ ބާޒީގަރް، ކަރަން އަރްޖުން، ކުޗް ކުޗް ހޯތާހޭ އަދި ކަބީ ޚުޝީ ކަބީ ޣަމް ފަދަ ކާމިޔާބު ފިލްމުތަކެއްގައި ހަރަކާތްތެރިވެފަ އެވެ.

އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަން ވަނީ ކާޖޮލްއަކީ ރަނގަޅު އަނތްބެއްގެ އިތުރުން ވަރަށް މޮޅު ކައްކާއެއް ކަމަށެވެ.

ކާޖޮލްގެ އުފަންދުވަހުގެ މުނާސަބަތުގައި އޭނާއަށް ސަޕޯޓުކުރާ މީހުން ވަނީ އިންޓަނެޓުގައި އޭނާއަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފަ އެވެ.