ފުވައްމުލަކު ސިޓީގައި ޑްރަގް ކެފޭއެއް ހިންގަމުންދިޔަ ތަނެއް ބަންދުކޮށް، އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފުވައްމުލައް، ދޫޑިގަން، މާދޫގެ، އަހްމަދު ރަޝީދު (32އ) އަދި ފުވައްމުލައް، ދޫޑިގަން، ރޫބީ، މުހައްމަދު ޝާޒް (36އ) އެވެ.

ފުލުހުން ބުނިގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ފުވައްމުލަކުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އަދި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، 17 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މާދޫގޭގައި އަހްމަދު ރަޝީދު ދިރިއުޅޭ ބައިގައި މަސްތުވާތަކެތި ކެފޭގެ އުސޫލުން ފޯރުކޮށްދީ، އެތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންގެންދާ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން އަހްމަދު ރަޝީދު ދިރިއުޅޭ ބައި 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ މި މަހުގެ 19 ވަނަ ދުވަހު އަމުރުކޮށްފަ އެވެ.

މީގެއިތުރުން، އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުހައްމަދު ޝާޒް 15 ދުވަހަށް އަދި އަހްމަދު ރަޝީދު 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ މުއްދަތު ދީފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.