ބަޑީގެ ހަމަލާއެއްގައި އަނިޔާވިތާ އެއް މަސް ދުވަސް ފަހުން، ބޮލީވުޑްގެ މަޝްހޫރު އެކްޝަން ތަރި ޓައިގާ ޝްރޮފް ފޯރިގަދަ ހުށައެޅުމަކާއެކު އާންމުންގެ ތެރެއަށް އެނބުރި އަތުވެއްޖެ އެވެ.

އުމުރުން 36 އަހަރުގެ ޓައިގާ މި ހުށަހެޅުން ދީފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އިންޑިއާގެ މުމްބާއީގެ މަޝްހޫރު "ގޭޓްވޭ އޮފް އިންޑިއާ"ގައި ބޭއްވި "ގްލޯބަލް ޕީސް އޮނާސް 2026" ހަފުލާގަ އެވެ. މި ހަފުލާގައި އޭނާ ވަނީ ފޯރިގަދަ ލަވައަކަށް ނެށުމެއް ހުށައަޅާދީފަ އެވެ.

ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ސޯޝަލް މީޑިއާގައި ވައިރަލްވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރަތާއި ރިހި ކުލައިގެ ސަގާފީ ހެދުމެއްގައި ހުރި "ބާގީ"ގެ ތަރި ވަނީ ބެލުންތެރިންގެ ކުރިމަތީގައި ވަރަށް ހަކަތައާއެކު ނަށައި ސްޓޭޖް ފަޅުފިލުވާލަދީފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުޓްބޯޅަ ޕްރެކްޓިސް ނިންމާލުމަށްފަހު އެނބުރި ގެއަށް ދަނިކޮށް، ސައިކަލެއްގައި އައި ބަޔަކު ވަނީ ވަރަށް ކައިރިން ޓައިގާގެ ކާރަށް ބަޑިޖަހައި ހަމަލާ ދީފަ އެވެ. އެ ހާދިސާގައި އޭނާއަށް އަނިޔާތަކެއް ލިބުނެވެ.

މަޝްހޫރު އެކްޓަރު ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގާއަށް ދިން މި ހަމަލާއާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެއާއެކު އޭނާގެ ސެކިއުރިޓީ ވެސް ވަނީ މިހާރު ވަރުގަދަ ކޮށްފަ އެވެ.

މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދޭވޭންދުރަ ފަޑްނަވީސްގެ އަނބިކަނބަލުން އަމްރުތާ ފަޑްނަވީސް އުފައްދާފައިވާ އެންޖީއޯއެއް ކަމަށްވާ "ދިވްޔާޖް ފައުންޑޭޝަން" އިން އިންތިޒާމުކުރި މި ހަފުލާގައި އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ގިނަ ޝަހުސިއްޔަތުންތަކެއް ބައިވެރިވި އެވެ.

ކޮންމެ އަހަރަކު ބާއްވާ މި ހަފުލާއަކީ ޓެރަރިޒަމްގެ ޝިކާރައަކަށްވި މީހުންނާއި އެފަދަ ހާދިސާތަކުގައި ހިތްވަރުދެއްކި ބަތަލުންގެ ހަނދާން އާކޮށް، ސުލްހައާއި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ބާއްވާ ހަފުލާއެކެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވި މަޝްހޫރު ތަރިންގެ ތެރޭގައި ޝާހްރުކް ޚާން، ސަޗިން ޓެންޑުލްކަރް، އަކްޝޭ ކުމާރު އަދި ވިކްރާންތު މެސީ ފަދަ ތަރިން ހިމެނެ އެވެ.