ބޮލީވުޑަށް ތައާރަފުވެ، ކުޑަދުވަސްކޮޅުގެ ތެރޭގައި ސާރާ އަލީ ހާން ދަނީ ބޮޑެތި ޑިރެކްޓަރުންނާއެކު މަސައްކަތް ކޮށް އެންމެ މަޝްހޫރު ތަރިންނާއެކު ސްކްރީން ހިއްސާކުރުމުގެ ފުރުސަތު ހޯދަމުންނެވެ.

ދާދިފަހުން ސާރާ ވަނީ އޭނާގެ ސަޕޯޓް ސިސްޓަމް ކަމަށްވާ މަންމަ، އަރްޕިތާ ސިންގް އާއި ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ސާރާ އާއި މަންމަ އަރްޕިތާ ރަހުމަތްތެރިންހާ ގާތެވެ. މަންމަ ނުބުނާ ގޮތަކަށް ސާރާ އެއްވެސް ކަމެއް ނުކުރާނެ އެވެ.

ސާރާ ބުނެފައިވާ ގޮތުގައި އޭނާ ކޮންމެ ކަމެއް ކުރުމުގެ ކުރިން މަންމަގެ ހިޔާލު ހޯދަ އެވެ. އެގޮތުން ފިލްމުތަކުން ފެށިގެން ގޮސް ސްޓައިލިން އަށް ވެސް މަންމަގެ ހިޔާލުހޯދަ އެވެ.

ސާރާ ބުނީ އާންމު ގޮތެއްގައި މަންމަގެ ނަސޭހަތް އަންނާނީ އިންޒާރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މަންމަ ބުނާ އެއް ވާހަކައެއް އަބަދުވެސް ހަނދާން ހުންނަ ކަމަށް އޭނާ ބުންޏެވެ.

"އަހަރެންނަނީ ސާރާގެ މަންމަ، އަހަރެން ސާރާ ކައިރީ ވަކި ކުލައެއްގެ ނެއިލް ޕޮލިޝް އެއް ޖައްސާށޭ ބުންޏަސް ނުވަތަ ވަކި ފިލްމެއް ކުޅެން ބުންޏަސް އެކަން ކުރާނީ ހަމައެކަނި ސާރާ ބޭނުންވާ ނަމަ. މަންމަގެ މި ނަސޭހަތަކީ 'ލައިފް މަންޓްރާ'،" ސާރާ ބުންޏެވެ.

ސާރާގެ ބޮޑުދައިތައެއް ކަމަށްވާ ސަބާ ހާން ވެސް ވަނީ މީގެ ކުރިން ސާރާ އާއި މަންމަގެ ސިފަތަކާއި އުޅުން އެއްގޮތް ކަމާމެދު ވާހަކަ ދައްކާފަ އެވެ.

ސާރާ އެންމެ އަވަހަށް ދެން ފެނިގެންދާނީ އާނަންދު އެލް ރާއީގެ "އަތްރަންގީ ރޭ" ފިލްމުންނެވެ. ސާރާއާއި އެކު މި ފިލްމުން ފެނިގެންދާނީ ދަނުޝް އާއި އަކްޝޭ ކުމާރެވެ.