ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ޕީޕީއެމްގެ ޓިކެޓަށް ތިރިކޮށްލި "ބާޒެއް" ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އަދުރޭ ވަހީދަށް ފާޑުވިދާޅުވީ ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕެއިން ޖަލްސާގައި ރެ ވަހީދު ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަ އެވެ.
ވަހީދު ރޭ ވިދާޅުވީ ޕީޕީއެމް އިން ކެންޑިޑޭޓެއް ނުނެރުނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންގެވުމަކަށް ކަމަށެވެ.
ވ. ފެލިދޫގައި މިއަދު ބޭއްވި ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަލްސާގައި އަދުރޭ ވިދާޅުވީ، ޔާމީން ޖަލުން މިނިވަން ކުރުމަށް ވަހީދު އެއްވެސް މަސައްކަަތެއް ނުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނު ޕާޓީ އަށް "ތިރިކޮށްލެއްވީ" ކުއްލިއަކަށް ރިޔާސީ ޓިކެޓް ހޯއްދެއްވުމަށް ކަމަށް ވިދާޅުވި އެވެ.
ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެން ޖެހިގެން އައި ދުވަހު ޕާޓީގެ ލީޑަޝިޕުން ބައްދަލުވުން ބޭއްވި ވަގުތު ވަހީދު ވަޑައިގެން އެ ބައްދަލުވުމުގެ "ކޮޅުގޮނޑީގައި" ވަހީދު އިންނެވި ކަމަށް އަދުރޭ ވިދާޅުވި އެވެ. ނަމަވެސް ވަހީދަކީ ޕާޓީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަން ކިޔާފައި އައިސް ބާޒެއްހެން އަޅުގަނޑުމެންގެ މައްޗަށް ޖެހިގެންފައި ޓިކެޓް ހޯދާށޭ އައީ،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ މިފަދައިން ވިދާޅުވިއިރު، "މިނިކާ ބާޒެއް" ގޮސް ޕާޓީ ޖަހައިގަނެފާނެތީ އެކަމުން ޕާޓީ ސަލާމަތްކޮށް ފާރަވެރިވުމަށް އެ މަނިކުފާނު ޖަލަށް ލުމުގެ ކުރިން ޔާމީން ވަނީ އެ ޕާޓީގެ މެމްބަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
ޔާމީންގެ ވާހަކައަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވީ އޭނާ މަސައްކަތް ކުރެއްވީ "އެއްވެސް ބާޒެއް" ޕީޕީއެމް، ޕީއެންސީގެ މައްޗަށް ގަދަވިޔަ ނުދިނުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ކިތަންމެ ރުޅިޔަސް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ މަސައްކަތަކަށް ވާނީ މުއިއްޒު ވެރިކަމަށް ގެނައުން ކަމަށެވެ.