ތެހެރާން (19 ޖެނުއަރީ) - އީރާންގެ ނިއުކްލިއާ ޕްރޮގްރާމާއި ގުޅިގެން އެމެރިކާއިން އާއި ދުނިޔޭގެ އެހެން ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ދެ ހަފްތާތެރޭގައި ކުރިއަށްގެންދާ ފަސްވަނަ އަސްކަރީ ތަމްރީން ފައްޓައިފި އެވެ.

މި ތަމްރީންތަކުގައި އީރާންގެ އަސްކަރިއްޔާގެ ކޮމާންޑޯ ޔުނިޓްގެ ސިފައިންނާއި އެއާބޯން އިންފެންޓްރީ އިން ބައިވެރިވެ އެވެ. އަދި ތަމްރީންތަކުގައި ފައިޓާ ޖެޓްތަކާއި ހެލިކޮޕްޓަރު އަދި އަސްކަރިއްޔާގެ ބޭނުންކުރާ އެހެނިހެން އެއާކްރާފްޓްތައް ވެސް ބޭނުންކުރެ އެވެ. މިއީ އަސްކަރިއްޔާއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ތަމްރީންތަކުގެ ބައެއް ކަމަށް އިރާންގެ އަސްކަރިއްޔާއިން ބުންޏެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އީރާންގެ ޓީވީން ވަނީ އަސްކަރިއްޔާގެ ގްރައުންޑް ފޯސްގެ ފަރިތަކުރުންތައް ދައްކާލާފަ އެވެ. މި ތަމްރީންތަކަކީ ދުޝްމަނުންގެ ޓާގެޓްތަކަށް އެއްގަމާއި ކަނޑާއި އަދި ވައިގެ މަގުން ހަމަލާ ދިނުމުގެ ގާބިލްކަން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ތަމްރީނުތަކެއް ކަމަށް ޗީފް ގްރަންގް ފޯސް ކިއޮމާސް ހޭދަރީ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު އީރާންގެ ރިވޮލިއުޝަނަރީ ގާޑުގެ ސިފައިވަނީ ކަނޑުގެ މަނަވަރުތަކަށް ހަމަލާދެވޭ ބެލެސްޓިކް މިސައިލް ޓެސްޓް ކޮށްފަ އެވެ. 1800 ކިލޯ މީޓަރު ދުރުގެ އިންޑިއާ ކަނޑުގައި ހުރި ޓާގެޓްތަކަށް މި ތަމްރީންތަކުގައި ވަނީ ބެލެސްޓިކް މިސައިލުން ހަމަލާދީފަ އެވެ.

ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ ނަންދީފައިވާ އީރާންގެ ނިއުކްލިއާ ޑީލްއިން ޑޮނަލްޑް ޓްރަމްޕް ވަނީ ވަކިވެފަ އެވެ. އަދި އީރާނަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެމެރިކާއިން ވަނީ އަޅާފަ އެވެ. މިކަމާ ގުޅިގެން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދެމަސް ތެރޭގައި ލުއި ނުދީފިނަމަ އަދި އެއްބަސްވުމަށް އަމަލުކުރުމަށް ނުފައްޓައިފި ނަމަ ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް ވަނީ އަންގާފަ އެވެ. – އަރަބް ނިއުސް